މަރުކަޒީ ބޭންކުން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އަނެއްކާވެސް އެއް އަހަރަށް އިތުރުކުރަން ފިނޭންސް މިނިސްޓްރީން މިއަދު ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޕަބްލިކް އެކައުންޓް އޯވަޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިގްތިސާދަށާއި ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށެވެ.
ކޮވިޑް ކޮންޓްރޯލްވެ، ބޯޑަރު ހުޅުވުމުން ޓޫރިޒަމްގެ ސިނާއަތު ކުރިއަރަން ފަށައި އިގްތިސާދީ ދުވެލި ރަނގަޅުވަމުން ދިޔަ ނަމަވެސް ބަލިމަޑުކަމުން ފުރިހަމަ އަށް އަަރައިގަނެވިފައި ނުވާތީ އާއި އިގްތިސާދީ ރިސްކުތައް އަދިވެސް މަތިކޮށް ހުރުމަކީ ވެސް އަމީރު ވިދާާޅުވި ގޮތުގައި ފަައިސާ ޗާޕްކުރުމުގެ ހުއްދައަށް ސަރުކާރުން އެދުނު ސަބަބެކެވެ.
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، ފާއިތުވި 18 މަސް ދުވަހެއް ހާ ދުވަހުގެ ތެރޭގައި ގާނޫނަށް ގެނައި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސާ، ހިދުމަތްތަކަށް ބުރޫ އެރިޔަ ނުދީ ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.
ހަމައެހެންމެ، ކޮވިޑް-19ގެ ސަބަބުން ލިބުނު އިގްތިސޯދީ އަދި ސިއްހީ ގެއްލުންތަކުން އަރައިގަނެ، އާންމުންނާއި ވިޔަފާރިވެރިންނަށް ވެސް އެ ކަމުން އެހީ ވެދިން ކަން ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް އިގްތިސޯދު މިހާރު ރަނގަޅުވަމުން އަންނަނަމަވެސް، ދުނިޔެއިން ކޮވިޑް ބަލި މުޅިން ފިލައިގެން ނުދާތީ އިގްތިސޯދަށް ގިނަ ރިސްކުތަކެއް ހުރި ކަން ފިނޭންސުން ވަނީ ފާހަގަކޮށްފައެވެ.
އެ ކަން ފާހަގަކޮށް ފިނޭންސުން ފޮނުވި ސިޓީގައި ބުނީ ކުރު މުއްދަތެއްގައި ތެރޭގައި އޯވަޑްރޯކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަގަޔާއި، ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ.
"ފައިނޭންސިން ހޯދުމަށް ހުރަސްތަކެއް ހުރުމާއެކު 2022 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ވެސް ޕަބްލިކް ބޭންކު އެކައުންޓު އޯވަޑްރޯ ނުކޮށް، ކުރިއަށް ދިއުމަކީ އިގްތިސޯދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ވެސް އެ ކަމުގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއް،" ފިނޭންސުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
ކަންމިހެން އޮތުމާއެކު ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ދަށުން އިސްތިސްނާކޮށްފައިވާ މާއްދާތަކުގެ މުއްދަތު އިތުރުކޮށް، ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ދީފައިވާ މުއްދަތު އަންނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުން ފެށިގެން އިތުރު އެއް އަހަރަށް އިތުރުކޮށްދިނުމަށް ވަނީ އެދިފައެވެ.