ތަރައްގީގެ ބައެއް ޕްރޮޖެކްޓްތައް ހިންގުމަށާއި ރަށުތެރެ ސާފުކޮށް ބެހެއްޓުމަށް ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ހުރި ބޮނބި އޮޅުތައް ނަގަން އެންގުމުން، ރޯނު ވެށުމުގެ މަސައްކަތް އުވިދާނެކަމުގެ ބިރު ހީވި އެވެ. އަދި އެކަންވީ ޒަމާނުންސުރެ އެ މަސައްކަތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ އަންހެންވެރިންގެ ބޮޑު ކަންބޮޑުވުމަކަށެވެ.
ކުޅުދުއްފުއްޓަކީ ރާއްޖޭގައި ރޯނުވެށުމަށް އެންމެ މަޝްހޫރު މީހުން އުޅޭ ރަށެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ރޯނުވަށާ އަންހެނުންވެސް އުޅެނީ މިރަށުގައި އެވެ. އެހެންވުމުން ސިޓީ ކައުންސިލުން ނިންމީ ބޮނބި އޮޅުތަކުގެ ވެރިންނާ ބައްދަލުކޮށް އެ މީހުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން މަސައްކަތް ކުރިއަށްގެންދިޔުމަށެވެ.
އެގޮތުން އަންގާރަދުވަހު ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ބޮނބިއޮޅު އޮންނަ 90 އަށްވުރެގިނަ އަންހެނުން ބައިވެރިވި އެވެ. އެ މީހުންގެ ކަންބޮޑުވުމަށްވީ އެ މަސައްކަތް ކުރާނެ ތަނެއް ނުދައްކަ އޮޅުތައް ނަގަން އެންގުމުންނެވެ. އަދި އޮޅުތައް ނަގަން ދިން މުއްދަތު ކުޑަވުމަކީވެސް ނުތަނަސްވުމެކެވެ.
މި ބައްދަލުވުމުގައި މޭޔަރު އާތިފު ދެއްވީ އުންމީދީ ޖަވާބެކެވެ. ވިދާޅުވީ އަންހެންވެރިން ކުރަމުންދާ މި މަސައްކަތް ހުއްޓުމައް ބޭނުންނުވާ ކަމަށާއި މި މަސައްކަތަށް ޒުވާން ކުދިން ނެރެން ބޭނުންވާ ކަމަށެވެ.
" ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެން އެބަ ބޭނުންވޭ މިރަށުގައި ރޯނުވަށަށް އެއީ އެއްވެސް ގޮތަކުން މި މަސައްކަތް ހުއްޓޭކަށް ބޭނުމެއް ނޫން. ޒުވާން ކުދިން ވައްދަންވެސް ވަރަށް ބޭނުން. އެހެންވުމުން އެ ކުދިން އޮޅަށް ލެވޭނެ ގޮތެއް ހަދަން އެބަޖެހޭ." މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ، އޮޅުތައް ނެގުމަށް ކުރު މުއްދަތެއް ދޭން ޖެހުނީ ވެލިއެޅުމަށް ބޭނުންކުރާ އެމްޓީސީސީ އާއި ވެމްކޯގެ ވެހިކަލްތައް ގިނަ ދުވަހަށް ލިބެން ނެތުމުން ކަމަށެވެ. އެކަމަކު އޮޅުތައް ހުސްކުރަން އިތުރު ވަގުތު ބޭނުންވާ ނަމަ އެކަމަށް އެދުމުން ވަގުތު ދޭނެކަމަށް މޭޔަރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މޭޔަރު ވަނީ މި މަސައްކަތަށް ޒުވާނުން ނެރުމަށް ކުރެވިދާނެ ކަންކަމާމެދުވެސް މަޝްވަރާކޮށް ހިޔާލު ބަދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ހިޔާލު ފާޅުކުރި އަންހެނަކު ބުނީ ކުޅިވަރު ކުޅުމަށް ދަނޑު ހަދަން ދޭގޮތަށް ބޮނބިފާކުރުމަށް ވަކި ސަރަހައްދެއް ހާއްސަކުރެވިދާނެ ކަމަށެވެ. އަދި އެ ހިޔާލަށް ގިނަ ބަޔަކު ތާއިދުވެސް ކުރި އެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އިތުރަށް ވިދާޅުވީ، ބޮނބިފާކުރެވޭނެ ގޮތް ކައުންސިލުން ހަދައިދޭނެ ކަމަށެވެ. ބައްދަލުވުމުގައި ގިނަ ބަޔަކު ހިޔާލު ހުށަހެޅުމަށް ކައުންސިލުން ވަނީ ފުރުސަތު ދީފަ އެވެ.