މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރަން ހުއްދަ ނުދީފިނަމަ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ކުޑަކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާ އެކު ކޮމިޓީ އަށް ވަޑައިގެން މިނިސްޓަރު އަމީރު ވިދާޅުވީ އޯވަޑްރޯ ކުރަން ހުއްދަ ނުލިބިއްޖެނަމަ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު 26 ބިލިއަން ރުފިޔާ އަށް ކުޑަކުރަންޖެހޭނެ ކަމަށެވެ.
އެހެން ވެއްޖެނަމަ އެފަދަ ހާލަތެއްގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުއްޓާލަން ޖެހި، އަލަށް ފެށުމަށް ރާވާފައިވާ މަޝްރޫއުތައް މަޑުޖައްސާލަން ޖެހޭނެ ކަމަށެވެ. މީގެއިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންގެ އަދަދު މަދުކޮށް މުސާރަ ކުޑަކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އޯވަޑްރޯ ކުރަން މުއްދަތު އިތުރުކުރަން ހުއްދަ ދީފިނަމަ ނިކުމެދާނެ މައްސަލަތަކެއް ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވުމުން އެކަމާ އެއްބަސްވެވަޑައިގަންނަވަމުން އަމީރު ވިދާޅުވީ ކޮވިޑްގެ އުދަގޫ ދުވަސްތަކުގައިވެސް ސަރުކާރުން ކަންކަން މެނޭޖްކުރި ގޮތަށް އަދިވެސް އެކަން ކުރެވޭނެ ކަމަށެވެ.
އޯވަޑްރޯގެ މުއްދަތު އިތުރުކުރަން އެދުނީ އަދިވެސް ކޮވިޑްގެ ނުރައްކަލުން ސަލާމަތްވީ ކަމަށް ގަބޫލުނުކުރެއްވޭތީކަމަށާއި ކޮވިޑާ ހެދި އިގްތިސާދީ އެތައް ދަތިތަކެއް އަދިވެސް ސަރުކާރަށް އެބަހުރި ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެވެ. ރާއްޖޭގެ ކުރީގެ އިގްތިސާދީ ހާލަތަށް ހުރިހާ ކަމެއް ބަދަލުވެ އިގްތިސާދު ރަނގަޅުވާނީ 2023 ގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމިޓީގައި މިނިސްޓަރު އެދިވަޑައިގަތީ އޯވަޑްރޯ ކުރުމުގެ ލިމިޓް 3.5 ބިލިއަން ރުފިޔާއަށް ހަމަޖައްސައިދިނުމަށާއި ނުދެއްކި ހުރި ފައިސާ ބޮންޑަކަށް ބަދަލު ކޮށްގެން އެ ފައިސާ އެމްއެމްއޭ އަށް ދައްކާ ގޮތަށެވެ. ކުރިން އޯވަޑްރޯގެ ލިމިޓަކަށް ކަނޑައެޅީ 4.4 ބިލިއަން ރުފިޔާ އެވެ.