ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކުން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ދީފައިވާ ހުއްދަ އިތުރުކޮށްދޭން ފިނޭންސުގެ ހުށަހެޅުމުގެ ލިމިޓު 2.5 ބިލިއަން ރުފިޔާއަށް ކުޑަކޮށް، އަންނަ އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓުން އޯވާޑްރޯ (އޯޑީ) ކުރެވޭ މުއްދަތު ދައްމާލަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
އޯޑީ ފެސިލީޓީގެ މައްސަލާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފިނޭންސް މިނިސްޓްރީން ވަނީ ދެ ފަރާތުގެ ހިޔާލުތައް ހިއްސާކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީއިން ހުށަހަޅާފައި ވަނީ އަންނަ އަހަރުގެ ޖެނުވަރީ އެއްވަނަ ދުވަހުން ފެށެގެން 2023 ވަނަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހާ ހަމައަށް އޯވާޑްރޯ ކުރެވޭ އަދަދު 3.5 ބިލިންއަން ރުފިޔާ ކަމުގައި ކަނޑައަޅައިދިނުމަށެވެ. އަދި އަންނަ އަހަރުގެ ޖެނުވަރީ އެއް ވަނަ ދުވަހުން ފެށެގެން އޯވާޑްރޯވެފައިވާ ފައިސާއިން ކޮންމެ އަހަރަކަށް 0.1 ޕަސެންޓްގެ އިންޓްރެސްޓެއް ޗާޖުކުރުމަށެވެ. މީގެ އިތުރުން މި އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓް އޯވާޑްރޯވެފައި ހުންނަ މިންވަރު ސެކިއުރަޓައިޒްކޮށް އެމްއެމްއޭ އިން ސަރުކާރަށް ދޫކޮށްފައިވާ 50 އަހަރުގެ އެމޯޓައިޒްޑް ބޮންޑަކަށް ބަދަލުކުރުމެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. އަދި މި އަހަރު ވަނީ އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމަ އަށް އިތުރުކޮށްފަ އެވެ. އަދި އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީއިން މަޖިލީހަށް ހުށަހެޅި އެވެ. އެ މައްސަލަ ބަލައިގަތުމަށް ދެން ފޮނުވީ މާލިއްޔަތު ކޮމެޓީއަށެވެ.
ކޮމެޓީއިން އެމްއެމްއޭ އަދި ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާކުރުމަށްފަހު މައްސަލަ ފާސްކޮށްފައި ވަނީ ބަދަލުތަކަކާ އެކީ އެވެ.