އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު މުނު މަހާވަރް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމަށްފަހު އިންޑިއާގެ އައު ސަފީރާ ރައީސްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
އެގޮތުން ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ތައުރީފު ކުރައްވައި ހާއްސަ ގޮތެއްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމުގައި ހޯދާފައިވާ ގިނަ ގުނަ ކުރިއެރުންތައް ހޯދާފައިވާކަން ސަފީރު ފާހަގަ ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް އާއި އިންޑިއާގެ ސަފީރު ވަނީ ދެ ގައުމަށް ފައިދާހުރި ކަންކަމުގައި އިތުރު އެއްބާރުލުމާއި އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ.