twitterviber whatsapp telegramfacebookyoutube instagram
4th May 2024

ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޚަދީޖާ އާދަމް
Nov 18, 2021
1

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ގާނޫނަކީ ރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ކުއްޔަށްހިފުމާ ގުޅޭގޮތުން، ކުއްޔަށްހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތުގެ ހައްގުތަކާއި އިލްތިޒާމްތައް ބަޔާންކުރުމާއި، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުއާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

އެގޮތުން ކުއްޔަށް ދިނުމުގެ އެއްބަސްވުން ރަޖިސްޓްރީ ކުރުމަށްޓަކައި ސިޓީ ކައުންސިލަށް ނުވަތަ ރަށު ކައުންސިލަށް ހުށަހަޅަންޖެހެއެވެ. 7 ދުވަހުގެ ތެރޭގައި އެ އެއްބަސްވުން ރަޖިސްޓްރީކޮށްދޭންޖެހެއެވެ. ދިރިއުޅުމަށްޓަކައި އެއްވެސް ތަނެއް ކުއްޔަށް ދޫކުރެވޭނީ ހުއްދަ ދިނުމުންކަމަށް ވެސް މި ގާނޫނުގައިވެއެވެ. އަދި ހުއްދަ ދޫކުރާ ތަންތަނުގެ ދަފްތަރެއް އެކުލަވާލައި އެ ކައުންސިލަކުން އެ ދަފްތަރު ބަލަހައްޓަން ޖެހެއެވެ.

ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫކުރާ ހުރިހާ ތަންތަނުގެ ދަފްތަރު އެކުލަވާލައި އެ ތަންތަން މޮނިޓަރ ކުރުމަށް ޓެނަންސީ ބޯޑެއް އެކުލަވާލަން ޖެހެއެވެ. އެ ތަނެއް ކުއްޔަށް ދިނުމަށް ހުއްދަދޭތާ މަދުވެގެން ތިން ދުވަހުގެ ތެރޭގައި އެ ބޯޑަށް އަންގަންޖެހެއެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި، ކުއްޔަށް ދޭ ތަންތަނުގެ ދަފްތަރު އާންމުންނަށް ފަސޭހައިން ފެންނާނެ ގޮތަށް ހުންނަ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް އެ ބޯޑުން ގާއިމުކުރަންޖެހެއެވެ. ކުއްޔަށް ދޫކުރާ ތަންތަނުގައި ހުންނަން ޖެހޭ އަސާސީ މިންގަނޑުތައް ވެސް ގާނޫނުގައި ބަޔާން ކޮށްފައިވެއެވެ. ކުއްޔަށްދޭ ތަންތަނުގައި އަސާސީ ޚިދުމަތް ލިބުމުގެ ވަސީލަތްތައް ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ގާއިމުވެފައި ހުންނަންޖެހޭ ކަމަށް ގާނޫނުގައިވެއެވެ.

ކުއްޔަށްދޭ ތަންތަނަކީ އިމާރާތް ކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ އިމާރާތަކަށް ވާން ޖެހެއެވެ. މީގެ އިތުރުން، ކުއްޔަށްދޭ ތަނުގެ ކުޑަބޮޑު މިނަށް ބަލައި، އެތަނުގައި ދިރިއުޅެވޭނެ މީހުންގެ އަދަދެއް ކަނޑައަޅާފައި އޮންނަން ޖެހެއެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ކުއްޔަށްހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތުގެ ހައްގުތައް ބަޔާންކުރުމާއި، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގައި އަމަލުކުރަންޖެހޭނެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނާއި، އެ ތަންތަނުގެ ކުއްޔާއި، އެ ތަންތަނުގެ ހާލަތާ ގުޅިގެން، ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން އުފެދޭ މައްސަލަތަކާއި ޝަކުވާތައް އަވަސް ގޮތެއްގައި ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން ވެސް މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ގާނޫނު ހިންގޭނެ ދާއިރާތަކަކީ، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުގެ މައްޗަށާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ދަށުން އެކި ފަރާތްތަކާ ހަވާލުކުރެވޭ ތަންތަނާގުޅޭ މުއާމަލާތްތަކުގެ މައްޗަށް ކަމުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް މި ބިލު ތަސްދީކުރެއްވުމާއެކު މި ގާނޫނަށް އަމަލު ކުރަން ފެށޭނެއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 28 ވަނަ މާއްދާއާއި، "ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ގަވާއިދު"ގައި، ދިރިއުޅުމަށް ކުއްޔަށްދިނުމާ ގުޅޭގޮތުން ހިމަނާފައިވާ އެންމެހައި މާއްދާތައް އުވިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355