ރާއްޖޭގެ ސަރަހައްދީ އެއާޕޯޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސެޓިފައި ކުރި އެއާޕޯޓަކީ ހޯރަފުށީގެ އެއާޕޯޓު ކަމަށް ރީޖަނަލްސް އެއާޕޯޓްސް އިން ބުނެފި އެވެ.
ހޯރަފުށީ އެއާޕޯޓަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ އެކުންފުނިން ބަލަހައްޓަމުން އަންނަ އެހެން އެއާޕޯޓްތައް ސެޓިފައިކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.
އެއާޕޯޓުތައް ސެޓިފައި ކުރުމަކީ އެ ތަނެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ލިބެން ހުރިކަން ޔަގީން ކުރުމެވެ. އެ ކަންކަން ކަށަވަރު ކުރުމަކީ ސިވިލް އޭވިއޭޝަންގެ ޒިންމާއެކެވެ.
ރިޒްވީ ވިދާޅުވީ ރާއްޖޭގައި ހިންގާ އެއާޕޯޓުތަކަކީ ރީޖަނަލް ފެންވަރުގައި އެއާޕޯޓް ސްޓޭންޑަޑަށް ފެތޭ އަދި ސެޓިފައި ކުރެވިފައިވާ އެއާޕޯޓުތަކަކަށް ހެދުމަށް ބޮޑެތި މަސައްކަތްތަކެއް އެކުންފުނިން ފަށާފައި ވާކަމަށެވެ. މިމަސައްކަތުގެ ދަށުން ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބަލަހައްޓަމުން އަންނަ 7 އެއާޕޯޓުގެ ތެރެއިން އެންމެ ފުރަތަމަ ސެޓިފައިކުރެވިފައިވަނީ ހޯރަފުށީ އެއާޕޯޓުކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިވަގުތުވެސް ފުވައްމުލަކު އެއާޕޯޓު ސެޓިފައިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާ، އަމާޒަކީ ކުރިއަށް އޮތް އަހަރުދުވަހުގެތެރޭގައި އެކުންފުނިން ހިނގަމުން އަންނަ އެހެން އެއާޕޯޓުތައްވެސް ސެޓިފައިކުރުންކަމަށް ރިޒްވީ ވިދާޅުވިއެވެ.
ހޯރަފުށި އެއާޕޯޓަށް އެއް އަހަރު ވެފައިވާއިރު، އެ އެއާޕޯޓު ސެޓިފައިވުމަކީ ހުރިހާ ހިދުމަތަކާއި ސާމާނުތައް ހަމަވެފައިވާ ކަން ހާމަވާ ކަމެއް ކަމަށް ރިޒްވީ ވިދާޅުވި އެވެ. އަންނަ ހަފުތާގައި ފުވައްމުލަކު އެއާޕޯޓުގެ ފައިނަލް އިންސްޕެކްޝަން ވެސް ނިމި އެ އެއާޕޯޓު ސެޓިފައި ކުރުމަކީ ރިޒްވީގެ އުންމީދެކެވެ.
ހޯރަފުށީ އެއާޕޯޓު މިހާތަނަށް ބޭނުންކުރެވެނީ ހަމައެކަނި ދުވާލުގެ ގަޑިތަކުގައެވެ. ރޭގަނޑުގެ ގަޑިތަކުގައި އެއާޕޯޓު ބޭނުންކުރުމަށް ގާއިމުކުރަންޖެހޭ ނައިޓްލައިޓްސް ހަރުކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ނިންމައި އަންނަ އަހަރު، ރޭގަނޑު އެއާޕޯޓު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންގެންދަވާކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެއެވެ.
ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގާ އެއާޕޯޓުތަކުގެ ތެރޭގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށި އެއާޕޯޓާއި ފުނަދޫ އެއާޕޯޓާއި ކާޑެއްދޫ އެއާޕޯޓާއި މާވަރުލު އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓާއި ހޯރަފުށި އެއާޕޯޓް ހިމެނެ އެވެ.