ސަރުކާރުން ކަރަންޓު އަގުހެޔޮ ކުރުމަށް ދައުލަތުގެ ބަޖެޓުން ހޭދަކުރާ އަދަދު މާ ބޮޑު ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ސަލީމް މިހެން ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ފައިސާ ޗާޕް ކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅޭ ރިޕޯޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ނެގެޓިވް އިންވެސްޓްމަންޓްތަކެއް އެބަހުރި ކަމަށާއި އެންމެ ބޮޑު ނެގެޓިވް އިންވެސްޓްމަންޓަކީ ހަކަތައާ ގުޅޭ އިންވެސްޓްމަންޓްތައް ކަމަށެވެ.
އެގޮތުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ކަރަންޓުގެ ދެ ސަބްސިޑީއެއް އެއްކޮށްލުމުން ޖުމްލަ 28 މިލިއަން ޑޮލަރު ހިމެނޭއިރު ދުނިޔޭގެ ތެލުގެ ބަޒާރުގައި ތެލަށް އަންނަ ބަދަލުތަކަށް ބެލުމެއް ނެތި އެއް އަގެއްގައި ފެނަކައަށް ނުވަތަ ސްޓެލްކޯއަށް ތެޔޮ ވިއްކުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކު 34 މިލިއަން ޑޮލަރު ދެމުންގެންދިޔަ ކަމަށާއި އަންނަ އަހަރުވެސް 28 މިލިއަން ޑޮލަރު ސަބްސިޑީގެ ގޮތުގައި ދޭން ހުށަހެޅުމުން ކަންބޮޑުވާކަން ސަލީމް ފާހަގަކުރެއްވި އެވެ
ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު ކުރިއަށްގެންގޮސްފިނަމަ އަހަރުން އަހަރަށް އެ ސަބްސިޑީ ކުޑަކުރެވޭނެކަން ވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.