އިބްރާހީމް ޔޫސުފް (ޔޫސުފް)
ސުރުޚީގައި، ‘އަނބިމީހާ’ އޭ ލިޔެފައި އޮތްކަމަށްވިޔަސް، ފިރިމީހާ ބޭވަފާތެރިވާކަން ނުވަތަ ނޫންކަން ދެނެގަތުމަށްވެސް މި ލިޔެލާ ކަންކަމުގެ އެހީ ހޯދިދާނެއެވެ. ކައިވެނީގެ ހަޔާތުގައި، ބައިވެރިޔާ ބޭވަފާތެރިވުމަކީ، އަސަރުހުރި ކަމެކެވެ. ފަނާކޮށްލާ މާޔޫސްކުރުވާކަމެކެވެ. ބައިވެރިޔާގެ ތެދުވެރިކަމާއިމެދު ޝައްކުވާނަމަ، އޮތް އެންމެ ބުއްދިވެރި ގޮތަކީ އޭނާއާއި މަޝްވަރާކުރުމެވެ. އުޅުމާއި ގުޅުމަށް ބަދަލު އަންނަނީ ކީއްވެތޯދެނެގަތުމެވެ. ބޭވަފާގެ އިލްޒާމް ޔަގީންކޮށްފައި ނޫނީ ނާޅުވާށެވެ. ބޭވަފާތެރިވިޔަސް ގޮށްމޮހައިނުލައި، މާފުކޮށް އަލުންބަލުން ހަޔާތާއިގެން ކުރިއަށްދެވިދާނެކަން ގަބޫލުކުރާށެވެ. ނަމަވެސް މާފުކުރުމަށްފަހު ދެން ހިނގާދިޔަ ކަންތައްތަކުގެ ވާހަކަދެއްކުމެއްނެތެވެ.
އަނބިމީހާ ގޭގައި ވަގުތުހޭދަކުރާ ގޮތަށް ބަދަލު އަތުވެއްޖެ ހެއްޔެވެ؟ ގޭގައި ހޭދަކުރާ ވަގުތު މަދުވާނަމަ ވިސްނާލާށެވެ. މަސައްކަތުގައި އޮފީހުގައި އުޅޭކަމަށް ހެދިގެން އެހެން ކަންތައްގަނޑެއް ހިންގުން އެއީ ގިނަ އަންހެނުން، ވަރަށް ގިނައިން ކުރާކަމެކެވެ. ހަމަ ހަގީގަތުގައިވެސް އަނބިމީހާއަށް އޮފީހުގައި މަސައްކަތް ބުރަވީކަމަށްވެދާނެއެވެ. އަދި އާ ހޮބީއެއް ޚިޔާރުކުރީ ކަމަށްވެސް ވެދާނެއެވެ. ވީމާ، އެކޮޅުމިކޮޅު ނުބަލައި ފުންމައިގަތުން ބުއްދިވެރިއެއް ނޫނެވެ.
ދެމަފިރިން އެކުގައި އެކަހެރިކޮށް ވަގުތުހޭދަކުރާ މިންވަރު މަދުވެއްޖެހެއްޔެވެ؟ ނޫނީ، ކަލެޔާއެކު ވަގުތު ހޭދަކުރުމުގައި ލޯތްބެއް، ޝައުގުވެރިކަމެއް ނެތްހެއްޔެވެ؟ މަސައްކަތާއި، ލައިނުގެނެގެން އުޅުމާއި ބަހަނާ، ކަލެޔާއި އަނބިމީހާއާއި ދެމެދަށް ފާވާން ފަށައިފިހެއްޔެވެ؟ ދެމަފިރިން އެކުގައި ހޭދަކުރާ އިންޓިމޭޓް ވަގުތުތަކަށް ބަދަލު އަތުވެއްޖެނަމަ ކަމެއް ގޯސްވެއްޖެއެވެ. އަވަހަށް ދެމަފިރިން އެކަކުއަނެކަކާއި ވާހަކަދެއްކުމަށް މޭޒުދޮށަށް އަންނާށެވެ. މިކަމުގައި ފިރިމީހާ އިސްނެގުން ރަނގަޅެވެ.
އަނބިމީހާ ފަރިކޮށް ހުންނަން އަބަދުވެސް ފިރިން ބޭނުންވެއެވެ. ނަމަވެސް، ހަމަ ކުއްލިއަކަށް އާދަޔާ ޚިލާފަށް އަންހެނުން ފަރިދައްކަންފަށައިފިނަމަ ވިސްނާލާށެވެ. ކުރިޔާ ޚިލާފަށް ތަފާތުކޮށް ހެދުން އެޅުމާއި، އިސްތަށިގަނޑު ހެދުމާއި، ނަލަވެގެން ބޭރަށް ދިޔުން ގިނަވާނަމަ، ފިރިމީހާގެ އެލާމް ރަނގަބީލު އަޅަންޖެހޭނެއެވެ.
ކުދިކުދި ކަންކަމުގައިވެސް ދެމަފިރިންގެ ޚިޔާލު ތަފާތުވާންފެށުމާއި އަބަދު ޒުވާބަކަށް ދާންފަށައިފިނަމަ އެއީ ވަރަށް ސީރިޔަސް މައްސަލައެކެވެ. އެހެން ކަން ހިނގަން ފަށައިފިނަމަ އެއޮތީ ރަތްދިދަ ނަގާފައެވެ. އަނބިމީހާ އިސްވެ ކުދިކުދި ކަންކަމާއި ޒުވާބު ފަށަނީ ފަހަރެއްގައި އޭނާގެ ބޭވަފާތެރިކަން ފޮރުވައި، ބޭވަފާތެރިވީ ދިރުއުޅުން އުފާވެރި ނޫންވީމާކަމަށް އޭނާގެ އަމިއްލަ ޒަމީރަށް ގަބޫލުކުރުވަންކަމަށްވެސް ވެދާނެއެވެ. ބައެއް ފަހަރަށް ފިރިމީހާގެ ކުށް ހޯދުމަށްވެސް ބޭވަފާތެރިވާ އަނބިން މަސައްކަތްކުރެއެވެ. އެއީ ބޭވަފާތެރިވާންޖެހުނު ސަބަބެއް ހޯދުމުގެ ބޭނުމުގައެވެ.
އަނބިމީހާ އާއި ވާހަކަދައްކާއިރު އޭނާ ކަމެއް ސިއްރުކުރާހެން ހީވޭހެއްޔެވެ؟ ފޯނުން ވާހަކަ ދައްކަމުން ގޮސް، ފިރިމީހާ ފެންނައިރަށް ކުއްލިއަކަށް ވާހަކަދެއްކުން ހުއްޓާލުމާއި، މައުޟޫޢު ބަދަލުކުރުމާއި، ކޮމްޕިޔުޓަރު ނިއްވާލުން ފަދަ ކަންކަން ކުރާނަމަ، ކަންތައްގަނޑެއް ހިންގާކަމަށް ޝައްކުކުރާނެ ޖާގައެބައޮތެވެ. އަނބިމީހާގެ ފޯނުބިލު ކުއްލިއަކަށް ބޮޑުވާންފެށުމާއި އޭނާގެ އަމިއްލަ ޚަރަދުތައް މައްޗަށްދާނަމަވެސް ފިރިމީހާ ވިސްނާލަންޖެހޭނެއެވެ.
ދެމަފިރިން ވިސްނަންވީ ވާހަކަނުދެއްކުމާއި އަޅާނުލުމާއި ޝައްކަކީ ބޭވަފާތެރިކަން އުފަންވާ ސަބަބުތައްކަމެވެ.