twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަހުލޫފު މަގާމުން ވަކިކުރަން މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައިފި

ނަބީލާ އިސްމާޢީލް
Nov 29, 2021

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ ދައުވާ އުފުލާފައިވާތީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަސްއުލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓިއަށް ހުށައަޅައިފިއެވެ.

މަހުލޫފު މަގާމުން ދުރުކުރަން މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ.

މައްސަަލަ ކޮމިޓީއަށް ހުށަހަޅުއްވައި ޖާބިރު ފޮނުއްވި ސިޓީގަވަނީ ރިޝްވަތުގެ ދައުވާ ޕްރޮސިއުޓާ ޖެނެރަލް އޮފީހުން މަހުލޫފުގެ މައްޗަށް ކޮށްފައިވާތީ އޭނާ މިނިސްޓަރު ކަމުގައި އެއްގޮތަަކަށް ވެސް ބަހައްޓަން ނުފެންނަ ކަމަށެވެ. އަދި މަހުލޫފް ވަޒީރުކަމުން ވަގުތުން ވަގުތަށް ދުރުކުރުމުގެ މަސައްކަތް ކޮމިޓީން ފެށުމަށްވެސް ޖާބިރު ވަނީ ކޮމިޓީގައި އެދިވަޑައިގެންފައެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ. މަހްލޫފަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ނޮވެމްބަރު 24 ވަނަ ދުވަހު އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް ފަހު އޭސީސީން މަހުލޫފުގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވީ ޖޫން ނުވަވަނަ ދުވަހު އެވެ. އަދި ހަމަ އެ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ޔޫތު މިނިސްޓަރު ކަމުން މަހްލޫފް ސަސްޕެންޑް ކުރައްވާފަ އެވެ.

އޭނާ މަސައްކަތުގެ މާހައުލުން އެކަހެރިކުރިތާ 4 މަސް ފަހުން ސަސްޕެންޝަން އުވާލުމުން މިނިސްޓަރ މަހުލޫފު މަސައްކަތަށް ނިކުންނަވަން ފެއްޓެވީ މިދިޔަ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހުއެވެ.

މިނިސްޓަރ މަހުލޫފުވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތައް ދޮގުކުރައްވައި، ފައިސާ ލިބުނު މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާކޮށްފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މަހުލޫފްވަނީ ކުރިން ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355