ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި ކައުންސިލުން ހެދި ދަތުރު ހިޔާ ހުޅުވައި ބޭނުންކުރަން ފަށައިފި އެވެ. މި ދަތުރު ހިޔާ ހުޅުވައިދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ރައީސް އަބުދުލް ލަތީފް ހަސަނެވެ.
މިތަން އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ނިމިދިޔަ ކައުންސިލުންނެވެ. އެކަމަކު މަސައްކަތް އެކޮށް ނިންމާ ތަނަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ސާމާނު ހަމަކޮށް ނިންމީ ސިޓީ ކައުންސިލުންނެވެ.
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ކައުންސިލްގެ ކުރީގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ކައުންސިލްތައް އުފެދި ފުރަތަމަ ދައުރުގައިވެސް ދަތުރުހިޔަލެއް ގާއިމުކުރެވުނު ކަމަށާއި އެހެންނަމަވެސް ތަފާތު ސަބަބުތަކާހެދި އެ ދަތުރު ހިޔަލުން ދަތުރުވެރިންނަށް ބޭނުންވާ އެންމެންހާ ހިދުމަތްތައް ނުލިބިވާ ކަމަށެވެ.
އާ ދަތުރުހިޔައެއް ހަދަން ނިންމީ މި ދެންނެވި ސަބަބުތަކާ ހެދި ކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ، ކުޑަނަމަވެސް މި އަސާސީ ހިދުމަތް މިތަނުގައި ގާއިމުކުރެވިފައި ނެތުމަކީ ރަށަށް ލިބިގެންދާ އުނިކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
އޭނާ ވިދާޅުވީ، ދަތުރުހިޔާގެ މަސައްކަތް ކާމިޔާބުވެގެންދިޔައީ ކައުންސިލްގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށާއި މަސައްކަތް ލަސްވެގެންދިޔައީ ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުންކަމަށް ލަތީފް ވިދާޅުވި އެވެ. ދަތުރުވެރިންނަށް ފަހިކޮށްދިނުމަކީ ދީނީ ގޮތުންނާއި އިގްތިސޯދީގޮތުން ބެލިކަމުގައިވިޔަސް މުހިންމުކަމެއްގެ ގޮތުގައި ލަތީފް ފާހަގަކުރެއްވި އެވެ.
ސިޓީ ކައުންސިލުން އާ ޕްރޮޖެކްޓްތަކެއް ބަނދަރު ސަރަހައްދުގައި ރަށުގެ އެކި ސަރަހައްދުގައި ފަށާފައިވުމަކީ ލިބިގެންދިޔަ ބޮޑު އުފަލެއްކަމަށް ލަތީފް ވިދާޅުވި އެވެ.
މި ފަދަ އިމާރާތްތަކީ ރަށަށް ނުހަނު މުހިންމުވެފައި އޮތްކަމެއްކަން ފާހަގަކުރައްވަމުން ކުޅުދުއްފުށީ މޭޔަރު ވިދާޅުވީ، މި ވިސްނުން ގެންގުޅުއްވާ ދަތުރުވެރިންނަށް ދަތުރުހިޔަލެއް ލިބޭނެ ގޮތް ކުރީގެ ކައުންސިލުން ގެންގުޅުމުން އެކަން ފާހަގަކޮށް ޝުކުރުއަދާކުރެއްވި އެވެ.
ކުޅުދުއްފުއްޓަކީ އުތުރުގެ ތަރައްގީގެ ނާރެސް ކަމަށާއި ޒަމާނުންސުރެ، މިސަރަހައްދުގެ ރައްޔިތުންނާއި އަދި މުޅި އުތުރުގެ ރައްޔިތުންގެ ހިދުމަތްތަކުގެ މައި މަރުކަޒަކީ ކުޅުދުއްފުށި ކަމަށެވެ. އެހެންކަމުން އަބަދުވެސް މެހެމާނުންނަށް ރަނގަޅު މެހެމާންދާރީއެއް އަދާކުރެވޭނެ ގޮތަށް ހިދުމަތްތައް ބައްޓަން ކުރުމަކީ މުހިންމުކަމެއްކަމަށް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކަށްވެ ތަރައްގީއާ ދިމާއަށް މިސްރާބު ޖަހާއިރު ހަމަ ޔަގީނުންވެސް ތަރައްގީވާނީ ކުޅުދުއްފުއްޓާއި އަދި ކުޅުދުއްފުށީގެ ވަށައިގެން ހުރި ރަށްރަށުގެ ރައްޔިތުންނާވެސް އެކުގައިކަން ވިސްނަން ޖެހޭ ކަމަށެވެ.
މިއަދު ހުޅުވިގެންމިދިޔަ ދަތުރުހިޔަލުގައި އޮފީހަކާއި އަންހެން ފިރިހެން ވަކިން ފާހާނާކުރެވޭނެ ހިދުމަތާއި ގާތުން ދިނުމަށް ހާއްސަ ބައެއް ގާއިމުކޮށްފައިވެ އެވެ.