twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފުރާފުރިހަމަ ޕްރޮޖެކްޓަށް އަފީފުއްދީނަށް ބިން އިތުރުކޮށްދީފި

- ބިން އިތުރުކޮށްދިނީ ހިމާޔާތްކޮށްފައިވާ ސަރަހައްދަކުން
- އިތުރުކޮށްދިނީ 25 ފޫޓް
- އެތަނުން ބިން ދިނީ އެޑިއުކޭޝަނާއި ސްކޫލުން އެދިގެން

އަބްދުލް ވާހިދު ޙަސަން
Dec 1, 2021
7

ސަރުކާރުން ފަށާފައިވާ ފުރާފުރިހަމަ ތައުލީމީ ނިޒާމުގެ ދަށުން، ކުޅުދުއްފުށީ އަފީފުއްދީން ސްކޫލަށް ބޭނުންވާ ބިން ބޮޑުކުރަން ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ. އެގޮތުން އަފީފުއްދީންނަށް އިތުރުކޮށްދީފައިވަނީ ދެކުނުން 25 ފޫޓްގެ ސަރަހައްދެކެވެ.

އެ ސަރަހައްދަކީ ގުރުދަތީ ރީތިކަމެއް ލިބިފައިވާ ފެންގަނޑެއް އޮންނަ ސަރަހައްދެކެވެ. ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދޫނި ޒިޔާރާތްކުރާ އެ ފެންގަނޑު ހިމާޔާތްކޮށް އެތަނުގައި ނޭޗާރ ޕާރކެއް ތަރައްގީކުރަންވެސް ކައުންސިލުން އޮތީ ނިންމާފަ އެވެ.

އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން އާއި އަފީފުއްދީން ސްކޫލުން ބޭނުންވީ ފުރާފުރިހަމަ ޕްރޮޖެކްޓާ ގުޅިގެން ބޭނުންވާ އިންފްރާސްޓަކްޗަރ ގާއިމުކުރުމަށް އެ ސަރަހައްދުން ބިން ނެގުމަށެވެ.

އެހެންވެ އެކަމަށް ބޭނުންވާ ބިން އިތުރުކުރުމަށް މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މޭޔަރު އާތިފް ވިދާޅުވީ ފުރާފުރިހަމަ ޕްރޮޖެކްޓްގެ ދަށުން ފަސް ސަރަހައްދެއްގައި ގާއިމުކުރާ ސްކޫލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އަފީފުއްދީން ސްކޫލް ކަމަށެވެ.

އެހެންވުމުން މިހާރު ސްކޫލުގެ ޖާގަ އާއި ޕްރޮޖެކްޓާ ގުޅިގެން އަންނަ އިތުރު އިންފްރާސްޓްރަކްޗަރތައް އިތުރުކުރުމަށް ބޭނުންވާތީ އިތުރަށް ބިން ހޯދުމަށެވެ.

"އެޑިއުކޭޝަން މިނިސްޓްރީން އާއި އަފީފުއްދީން ސްކޫލުން އެދިފައިމިވަނީ އަފީފުއްދީން ސްކޫލުގެ ދެކުނުން ދެވެން އޮތް އެންމެ ބޮޑު ޖާގައެއް ދިނުމަށް." ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ސާރވޭ ހެދިއިރު 25 ފޫޓޭ ދެން އިތުރަށް އަޅުގަނޑުމެންނަށް ދެވޭނީ. އެހެންނަމަވެސް މިހާރު އޮތް މަގު ސްކޫލުތެރެއަށް ވާނީ." މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މަގުގައި ވަޅުލެވިފައި ހުރި ނަރުދަމާ އާއި އެމްޑަބުލިއުއެސްސީގެ ތަކެތި ބަދަލު ދިނުމުގެ ކަންކަން އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްޑަބުލިއުއެސްސީ މަޝްވަރާކޮށްގެން އެކަމަށް ހައްލެއް ހޯދައިގޮތަށް ނިންމާނެ ކަމަށެވެ. ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްވިއިރު ބަހުސްގައި ވާހަކަދެއްކީ އަހުމަދު އަބުދުﷲ (ރޯޒޭ) އެކަންޏެވެ.

އޭނާ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން މިރަށުގައި ހިންގާ އިންފްރާސްޓްރަކްޗަރ މަސައްކަތް ކުރަން ގޮތް ނިންމާއިރު ކައުންސިލް ބައިވެރިނުކުރާ ކަމަށެވެ.

"ހާއްސަ މިފަދަ އިންފްރާސްޓަކްޗަރ މަސައްކަތަށް ބަލާއިރު ސްކޫލުގެ ގޯތިތެރޭގައި ޖާގަ ނެތްއިރުގައި އެ ޑިޒިޝަން ނެގުމުގެ ކުރިން ކައުންސިލާ މަޝްވަރާކޮށްލާފައި. މި އިންފްރާސްޓްރަކްޗަރ ގާއިމުކުރަން އެންމެ ރަނގަޅީ ކޮން ތަނެއްގައި ތޯ. މިފަދަ މަޝްވަރާތަކެއް މީގެ ކުރިއަށްލާން ޖެހޭކަމަށް ގަބޫލުކުރަން." ތައުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ރޯޒޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސްކޫލަކަށް ބިމެއް އިތުރުކުރަން މަޝްވަރާކުރާއިރު ބިން ހުރި ދެ ސްކޫލެއް މިހާރުވެސް މިރަށުގައި އެބަހުރިކަމަށާއި ޖަލާލުއްދީން ސްކޫލަކީ ބިން ބޮޑު ސްކޫލެއް ކަމަށެވެ. އަދި އޭއީސީގައިވެސް ޖާގަ އެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355