ރާއްޖެއަށް ބޭނުންވާ ޓެކްނިކަލް އެސިސްޓެންސަށް އޭޑީބީން 2 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފިއެވެ.
ރާއްޖެއިން ވަނީ 2،050،000 ޑޮލަރުގެ ކްނިކަލް އެސިސްޓަންސް އެގްރީމެންޓްއެއްގައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.
މީގެ ތެރެއިން ދެ މިލިއަން ޑޮލަރަކީ ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަންގެ ހިލޭ އެހީ އެވެ. މި އެހީ ބޭނުން ކުރަނީ ގައިގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށާއި ކާރިސާތަކުން އަރައިގަތުމަށެވެ.
މިނިސްޓަރ އިބްރާހިމް އަމީރު 2،050،000 ޔޫއެސްޑީގެ ޓެކްނިކަލް އެސިސްޓަންސް އެގްރީމެންޓްއެއްގައި އޭ.ޑީ.ބީ އާއިއެކު ސޮއި ކުރައްވައިފި. މީގެ ތެރެއިން 2 މިލިޔަން ޑޮލަރަކީ ޖަޕާން ފަންޑް ފޯ ޕަވަރޓީ ރިޑަކްޝަންގެ ހިލޭ އެހީއެއް. 1/2 pic.twitter.com/FHFbHykxqg
— Ministry of Finance (@MoFmv) December 2, 2021
މި ޓެކްނިކަލް އެސިސްޓެންސްގެ ސަބަބުން ގައިން ގައަށް އަރާ ބަލިތަކާއި، އަދި ކޮވިޑް-19 ޕެންޑަމިކާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
މި ރަސްމިއްޔާތުގައި ޖަޕާންގެ އެންބެސެޑަރ ކެއިކޯ ޔަނާއީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
އޭޑީބީން ގެންދަނީ ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެހީވުމަށް އެކި ފަހަރު މަތިން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި ހިންގާ އެކި މަޝްރޫއުތަކަށް ވެސް އެޑީބީން އެހީތެރިކަން ފޯރުކޮށްދެއެވެ.