twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަޑުބަރޭ 12000 ރުފިޔާއިން ޖޫރިމަނާކޮށް ހަ މެޗަށް ސަސްޕެންޑުކޮށްފި

ނަބީލާ އިސްމާޢީލް
Dec 5, 2021

މިދިޔަ މަހު ސްރީލަންކާގައި ކުރިއަށްދިޔަ މަހިންދަ ރާޖަޕަކްސަ އިންވިޓޭޝަނަލް ކަޕުގައި ރާއްޖެއާއި ސީޝެލްސް ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިއަކަށް ދިން ހަމަލާއާ ގުޅިގެން ރާއްޖޭ ޓީމުގެ އަސްހަދު އަލީ (އަޑުބަރޭ) ހަ މެޗަށް ސަސްޕެންޑްކޮށް 12،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އަޑުބަރޭ ހަމަލާ ދިން މައްސަލައިގައި އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ޑިސިޕްލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން 12،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މީގެއިތުރުންއިދިކޮޅު ކުޅުންތެރިއެއްގެ ހަށިގަނޑަށް ގެއްލުންވާ ފަދަ ހަމަލާއެއް ދީފައިވާތީ އާއި ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައިހުރެ ގައުމު ތަމްސީލުކުރި މެޗެއްގައި އެފަދަ އަމަލެއް ހިންގާފައިވާތީ އޭނާ ވަނީ ހަ މެޗަށް ސަސްޕެންޑުކޮށްފައެވެ.

ރާއްޖެއާއި ސީޝެލްސް ކުޅުނުމެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކުޅެން ނުކުން އަޑުބަރޭ ވަނީ ކުޅެން ނުކުތްތާ 30 ސިކުންތުގެ ތެރޭގައި ރަތް ކާޑެއް ހޯދައިފައެވެ.

އަސްހަދުގެ ރަތްކާޑާ ގުޅިގެން ގިނަބަޔަކު އޭނާއަށް ފާޑު ކިޔާފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި އެ މައްސަލަ ބަލައި، އޭނާއަށް ފިޔަވަޅު އަޅާނެ ކަން އެފްއޭއެމުން ވަނީ ހާމަކޮށްފައެވެ.

އަސްހަދަކީ މީގެ ކުރިން ވެސް އަހުލާގީ މައްސަލަތައް ގިނަ ކުޅުންތެރިއެކެވެ.

އެފްއޭއެމްގެ ޑިސިޕިލިނަރީ ކޮމިޓީގެ ނިންމުމުގައި ވަނީ ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޯއީގެ ކަރުމަތީގައި އަސްހަދު ޖަހާފައި ވަނީ "ފްރަސްޓޭޓް" ވެގެން ކަމަށް ދިފާއުގައި އަސްހަދު ބުނެފައިވާ ކަމަށެވެ. ޑިސޕްލިނަރީ ކޮމިޓީން ބުނީ އެއީ ދިފާއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355