ކުޅުދުއްފުށީގެ ވެލިމަގުތަކުގައި ހުރި ވަޅުގަނޑުތަކާއި މަގުތަކުގައި ކުރަން ހުރި އެހެން މަސައްކަތްތައް އައުޓްސޯސްކޮށްގެން ކުރާނެ ބަޔަކު ހޯދުމަށް ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ. ސިޓީ ކައުންސިލުން މިގޮތަށް ނިންމީ މަގުތަކުގައި ވަޅުތައް ގިނަވެ އަދި މަގުތަކުގައި ކުރަން ހުރި އެހެން ބައެއް މަސައްކަތްތައް އެންމެ އެދޭވޭގޮތެއްގައި ޕަބުލިކް ވޯކްސްއަށް ނުކުރެވޭތީ އެވެ.
އެގޮތުން މިދިޔަ ބުދަ ދުވަހު ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ބައެއް މެމްބަރުން ފާހަގަކުރެއްވި ސަބަބުތަކުގެ ތެރޭގައި ޕަބުލިކް ވޯކްސްގެ ވެހިކަލްތައް އަވަސް އަވަހަށް ހަލާކުވުމާއި އެކަށީގެންވާ ވަރަށް އެތަނުގައި މުވައްޒަފުން ނެތުމެވެ. ޕަބުލިކް ވޯކްސްގައި މުވައްޒަފުން މަދުވުމުގެ ސަބަބުން އެއްފަހަރާ ދެ މަގެއް ސާފުކުރުމުގެ ގާބިލުކަންވެސް ނެތްކަން ބައެއް މެމްބަރުން ފާހަގަކުރެއްވި އެވެ.
އެހެންވުމުން މަގުތަކުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ކައުންސިލް މެމްބަރު ރިލްވާނު މުހައްމަދު ހުށަހެޅުއްވީ މަގުތަކުގައި މިހާރުން މިހާރަށް ކުރަން ޖެހޭ މަސައްކަތްތައް އައުޓްސޯސްކޮށްގެން ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތްތައް ކުރުމަށެވެ. އޭނާ ވިދާޅުވީ ބައިވަރު އެކި ދަތިތަކާހެދި ޕަބުލިކް ވޯކްސްއަށް މަގުތަކުގައި ކުރަން ހުރި މަސައްކަތް ނުކުރެވިދާކަމަށާއި އެކަމުގެ ސަބަބުން މަގުތައް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.
ރިލްވާން ވިދާޅުވީ، ނުކުމެ މިތިބީ މުޅި ރަށް ސާފުކޮށް މަގުތަކަކީ އަމާން މަގުތަކެއްގެ ގޮތުގައި ބަދަލުކުރަން ކަމަށާއި އެހެންވީމަ އެ ހުރިހާކަމަކަށް ބަލައިގެން ތިބޭނެ ވަގުތެއް ނެތް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންނަކަށް ނެތޭ ތި ހުރިހާކަމަށް ބަލައިގެން ތިބޭނެ ވަގުތެއް. މަގުތަކުގައި ވަޅުގަނޑުތަކާއި ދުއްވާއިރު އެ ވާ އުނދަގޫތަކާއި ހުރިހާކަމެއް ހުރީތީވެ. ތިން މަސް ދުވަހަށް ނަމަވެސް މަގުތައް ހަމަމަގަށް އެޅުވުމަށްޓަކާ އަޅުގަނޑުމެން އެބަ ބޭނުންވެޔޭ އިތުރު ލޭބަރ ފޯސްއެއް." މައްސަލަ ހުށަހަޅުއްވަމުން ރިލްވާން ވިދާޅުވި އެވެ.
ފަހަރަކު ކަމެއް ކުރަން ތިބެފިކަމަށްވާނަމަ މި ފަސް އަހަރު ނިމޭއިރު އަދި މި ބޭނުންވާ ޓާގެޓަކަށް ހާސިލެއް ނުވެވޭނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެހެންވީމަ ބޭނުންވަނީ ހުރިހާ މަސައްކަތެއްވެސް ކަހަލައިން އެކުއެކީގައި ފެށިގެންގޮސް މި ސިޓީ އެކޮށް ބަދަލުކޮށްލުންކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މަގުތަކުގައި ހުރި ވަޅުގަނޑުތައް ފޮރުވަން ނަމަވެސް ވެލިފަތުރަން ވިޔަސް އަދި މަގުތަކުގައި ހުރި ތަކެތި ނަގަން ވީކަމުގައިވިޔަސް އަޅުގަނޑުމެން އެބަ ބޭނުންވެޔޭ ޕަބުލިކް ވޯކްސްގެ އިތުރުން އިތުރު ލޭބަރ ފޯސްއެއް." ރިލްވާން ވިދާޅުވި އެވެ.
މި މައްސަލާގެ ބަހުސް ކުރައްވަމުން ކައުންސިލް މެމްބަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވީ، މިހާރުވެސް މަގުތައް ހެދުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ވެހިކަލުކަމަށްވާ ގުރޭޑަރުގެ ޓަޔަރު ފަޅައިގެންގޮސް ގުރައުންޑްވެފައިވާއިރު އޭގެ ޓަޔަރަކީ ރާއްޖޭންވެސް ލިބެން ނުހުންނަ އެއްޗެއްކަމަށެވެ. އެހެންވީމަ ޓަޔަރު ލިބެން ދުވަސް ނަގާނެ ކަމަށާއި މިއޮތް ދުވަސްތަކުގައިވެސް މަގުތަކަށް އަޅައި ނުލާ ތިބެވޭކަށް ނެތް ކަމަށެވެ.
ރިލްވާންގެ ހުށަހެޅުމަށް ތާއިދުކުރައްވަމުން ރޯޒޭ ވިދާޅުވީ އެއްގޮތަށް ލޭބަރ ފޯސްއެއް ނަގައިގެން މަގުތަކުގައި މި ހުރި މައްސަލަތައް ރަނގަޅުކުރަމުން ގެންދިޔުމަކީ މުހިންމުކަމެއް ކަމަށެވެ.
ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވީ، ގެވަޅުތަކާއި މަގުތައް ސާފުކުރަން އަންގާފައިވާއިރު ސާފުކުރަން ޖެހޭ ކައުންސިލްގެ ބިންތަކެއްވެސް އެބަހުރި ކަމަށާއި ޕަބުލިކް ވޯކްސްގެ އިތުރުން، އިތުރު ލޭބަރ ފޯސްއެއް ނަގައިފިއްޔާ އެތަންތަންވެސް ސާފުކުރުމުގައިވެސް އިތުރު އެހީތެރިކަމަށްވެގެންދާނެކަމަށެވެ.