twitterviber whatsapp telegramfacebookyoutube instagram
7th May 2024

ބޮޑުކަންނެލި މަސްވެރިންގެ މައްސަލަތަކަށް ހައްލު ހޯދައިދޭނަން: ރައީސް

ނަބީލާ އިސްމާޢީލް
Dec 10, 2021

ބޮޑުކަންނެލި މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތައް ފާޅު ކުރުމަށް ޓަކައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ކުރިއަށް ގެންދާ މުޒާހަރާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބީކޭއެމްޔޫ އިން ކުރިއަށްގެންދާ ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށެވެ.

އެ މުޒާހަރާގެ ބައިވެރިން ވަނީ މައިގަނޑު ހަތަރު ކަމެއް ކޮށްދެއްވުމަށް އެދި ރައީސްއަށް ހުށަހަޅުއްވާފަ އެވެ. އެއީ މިފްކޯގައި ބޮޑު ކަންނެލި ކިރޭނެ ގޮތް ހަމަޖައްސައިދިނުމާއި، އިތުރު ގައުމުތަކުގައި މާކެޓްގައި މަސް ވިއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ.

އަދި މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީގައި ކޮލެޓީ ހިފެހެއްޓުމަށް ބޭނުންވާ އައިސް ލިބޭނެ އިތުރު 18 ޕްލާންޓް ގާއިމް ކޮށްދިނުމުގެ އިތުރުން މާލެ ސަރަހައްދުގައި މަސް ދޯނިތައް ބަދަރު ކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ވެސް ރައީސްގެ އަރިހުން އެމީހުން އެދުނެވެ.

ރައީސް ސޯލިހް ވިދާޅުވީ އެ ހަތަރު ކަންތައް ކޮށްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މަސްވެރިންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށެވެ.

މަސްވެރިންގެ މުޒާހަރާގައި ރައީސް ބައިވެރިވެވަޑައިގަތްއިރު، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި އެ މަނިކުފާނު މިއަދު ވަނީ ކ. ގާފަރަށް ވަޑައިގެންފަ އެވެ.

އެ ރަށަށް ކުރައްވާ ދަތުރުފުޅުގައި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ޝަރަފުވެރިކޮށް ދެއްވުމުގެ އިތުރުން ގާފަރުގައި ސަރުކާރުން ގާއިމު ކޮށްފައިވާ އައިސްޕްލާންޓް ހުޅުވައިދެއްވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355