ބަލީގެ އަލާމަތްތައް ހުރެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީއަށް ދެއްކި ދެ މީހަކު ކޮވިޑް-19 ޕޮޒިޓިވް ވެއްޖެ އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ ޕޮޒިޓިވްވި އެކަކަކީ މިއަދު މާލެއިން އައިސް ބަލީގެ އަލާމަތް ހުރުމުން ޓެސްޓްކުރި މީހެއް ކަމަށެވެ. އެއީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އެއްވެސް ކޮންޓެކްޓެއް ނެތްކަމަށާއި ރަށަށް އައުމަށްފަހު ވަނީ ކަރަންޓީން ވެފަކަމަށެވެ.
ދެވަނައަށް ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީގައި ހުންނަށް އޭޑީކޭ ކޯލް ސެންޓަރުގައި މަސައްކަތްކުރާ 30 އަހަރުގެ އަންހެނެކެވެ. އެ ކޭސްއާ ގުޅިގެން މިހާތަނަށް ކޮންޓެކްޓުންގެ ގޮތުގައި 20 ފަރާތެއް ފާހަގަ ވެފައިވާކަމަށާއި އެމީހުންގެ ސާމްޕަލް މިހާރު ނަގަމުން ދާކަމަށެވެ.
މި ކްލަސްޓާ އިތުރަށް ފެތުރުމުގެ ބިރު އޮތްކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެގޮތުން މި ކޭސްއާ ގުޅިގެން 15 ގެއެއް މިހާތަނަށް ވަނީ މޮނީޓަރިންނަށް ލާފައެވެ.
ކުޅުދުއްފުށިން އެންމެ ފަހުން ކޮވިޑް ކޭސްތަކެއް ފެނިފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ. އޮފިޝަލްވަނީ ސްކޫލް ބަންދު ދުވަސްވަރުކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.