ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގައި އެވެ. ރައީސް ސޯލިހާއި ޝެއިޚް ހަސީނާ ބައިވެރިވެވަޑައިގެންނެވި އެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެގައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު މިއެއްބަސްވުންތަކުގެ ތެރެއިން ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގާބިލު ސިއްހީ ހިދުމަތްތެރިން ހޯދުމަށް "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް" އަދި ދެގައުމުގެ ސަރުކާރާ ދެމެދު ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ވެފައިވާ އެއްބަސްވުން އާކުރުމަށް "ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އިން ދަ އޭރިއާސް އޮފް ހެލްތްކެއަރ އެންޑް މެޑިކަލް ސައިންސް".ގައި ސޮއިކުރެއްވި އެވެ. މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ހެލްތް އަހްމަދު ނަސީމް އާއި ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޒާހިދު މާލިކް އެވެ.
ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ކުޅިވަރާއި ޒުވާނުން ތަރައްޤީކުރުމުގެ ރޮނގުން ގުޅުން ބަދަހިކުރުމަށް " މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް" ގައި ސޮއިކުރެއްވެވިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް އާއި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްޞޫދު ބިން މޮމެން އެވެ.
އަދި ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޓެކްސްއަށް މަކަރު ހެދުމުގެ ފުރުސަތު ނައްތާލުމަށާއި ޑަބަލް ޓެކްސޭޝަން ނައްތާލުމަށްވެސް އެއްބަސްވުމެއްގައި ސޮއިކުރެއްވެވިއެވެ. މިއެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލް، އަދި ބަގްލަދޭޝްގަ ފަރާތުން ސޮއިކުރެއްވީ ބަންގްލަދޭޝްގެ ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއަރމަން އެމް.ޑީ ރަހްމަތުލް މުނީމް އެވެ.
މި އެއްބަސްވުމުގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދެއްވުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ. އެގޮތުން ރާއްޖެއިން މި އަސްކަރީ އުޅަނދުތަކުގެ ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ދިވެހިރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލެވެ. ތަޅުދަނޑި ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް އެސް.އެމް ޝާފިޢުދީން އަޙްމަދެވެ.