ކުޅުދުއްފުށި ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 16 އަށް އަރައިފި އެވެ. މިއަދު ބަލި ޖެހިފައިވަނީ ފަސް މީހަކަށެވެ.
އެންމެ ފުރަތަމަ ޕޮޒިޓިވް ކޭހެއް ފެނުނީ މިދިޔަ ހޯމަ ދުވަހު އެވެ. ހުކުރު ދުވަހު ޕޮޒިޓިވްވީ ބުރާސްފަތި ދުވަހު ޕޮޒިޓިވްވި ދެ ކުޑަކުދިންގެ އާއިލާގެ މެމްބަރުންނެވެ.
ކޭއާރުއެޗުން ބުނީ ބަލި ޖެހިފައިވާ އެއްވެސް މީހެއްގެ ހާލު އަދި ގޯސްނުވާ ކަމަށެވެ. ކުޅުދުއްފުށިން މިހާރު ހަތަރު ކްލަސްޓާއެއް ފާހަގަވެފައިވާއިރު މިވަގުތު 18 ގެޔެއްގައި 35 ކޮންޓެކްޓުން ވަނީ ކަރަންޓީނުކުރެވިފަ އެވެ.
ހަތަރު ދުވަސްތެރޭގައި ކޮވިޑް-19 ޖެހިފައިވާ 11 މީހުން ފެނި، ކުޅުދުއްފުށީގައި ބަލި ފެތުރިދާނެކަމުގެ ބިރުހީވެއްޖެ އެވެ. ކޮވިޑް-19 ގެ ކޭހެއް ނުފެންނަތާ ގިނަ ދުވަސްތަކަކަށްފަހު ޕޮޒިޓިވްވި ކޭހެއް ފެނުނީ މިދިޔަ ހޯމަދުވަހު އެވެ.
ބުރާސްފަތި ދުވަހު ކުޅުދުއްފުށިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 11 އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖެކެވެ. 9 އަހަރުގެ ކުއްޖާއަކީ އަލާމާތް ހުރެގެން ފުލޫ އޯޕީޑީއަށް ދެއްކި ކުއްޖެކެވެ. އަދި 11 އަހަރުގެ ކުއްޖަކީ ގާރލްގައިޑް ކޭމްޕަށް ދިޔުމުގެ ކުރިން ނެގި ސާމްޕަލެކެވެ.
ހޯމަ ދުވަހު ޕޮޒިޓިވެފައިވަނީ އަލާމަތް ހުރެގެން އޯޕީޑީއަށް ދެއްކި މީހަކާއި، މާލޭން ދަތުރުކުރި މީހެކެވެ. މާލޭން އައި 28 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ އެއްވެސް ކޮންޓެކްޓެއް ނެތެވެ. ދެން ޕޮޒިޓިވްވީ ކުޅުދުއްފުށީގައި ހުންނަށް އޭޑީކޭ ކޯލް ސެންޓަރުގައި މަސައްކަތްކުރާ 30 އަހަރުގެ އަންހެނެކެވެ.
އެ ކޭސްއާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުންގެ ސާމްޕަލް ނެގިއިރު ތިން މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އަދި ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓުން ނެގި ސާމްޕަލްތަކުގެ ތެރެއިން 3 ސާމްޕަލެއްވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
މީގެ އިތުރުން އަލާމާތް ހުރެގެން މާލޭން ސާމްޕަލް ނަގައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި މީހަކުވެސް ޕޮޒިޓިވްވެފައިވެ އެވެ. އެ މީހާ އެއްވެސް މީހަކާ ކޮންޓެކްޓްވެފައެއް ނުވެ އެވެ.
މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ހަތަރު ކްލަސްޓާއެއް ފެނިފައިވުމުން ރަށު ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ އޮފިސަރުން ވިދާޅުވެ އެވެ. އެހެންކަމުން ބަލި ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.