- ކުޅުދުއްފުށީގައި މިހާރު ވަނީ 4 ކްލަސްޓާއެއް ފާހަގަވެފައި
- މަދު ދުވަސްކޮޅެއް ތެރޭ 16 މީހުން ޕޮޒިޓިވްވެ، ބަލި ފެތުރިދާނެ ކަމުގެ ބިރުވަނީ ހީވެފައި
- ބަލި ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައި
ކުޅުދުއްފުށި ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 16 އަށް އަރައިފި އެވެ. އިއްޔެ ބަލި ޖެހިފައިވަނީ ނައިވާދޫ ކްލަސްޓާއާ ގުޅިގެން ކަރަންޓީންގައި ހުރި މީހަކަށެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން އޮފިޝަލަކު ވިދާޅުވީ އިއްޔެވަނީ ބަލިޖެހިފައިވާ އެކަކު ބަލިން ރަނގަޅުވެފަ ކަމަށެވެ.
އެންމެ ފުރަތަމަ ޕޮޒިޓިވް ކޭހެއް ފެނުނީ މިދިޔަ ހޯމަ ދުވަހު އެވެ. ހުކުރު ދުވަހު ޕޮޒިޓިވްވީ ބުރާސްފަތި ދުވަހު ޕޮޒިޓިވްވި ދެ ކުޑަކުދިންގެ އާއިލާގެ މެމްބަރުންނެވެ.
ކޭއާރުއެޗުން ބުނީ ބަލި ޖެހިފައިވާ އެއްވެސް މީހެއްގެ ހާލު އަދި ގޯސްނުވާ ކަމަށެވެ. ކުޅުދުއްފުށިން މިހާރު ހަތަރު ކްލަސްޓާއެއް ފާހަގަވެފައިވާއިރު މިވަގުތު 20 ގެޔެއްގައި 35 ކޮންޓެކްޓުން ވަނީ ކަރަންޓީނުކުރެވިފަ އެވެ.
ހޯމަ ދުވަހު ޕޮޒިޓިވެފައިވަނީ އަލާމަތް ހުރެގެން އޯޕީޑީއަށް ދެއްކި މީހަކާއި، މާލޭން ދަތުރުކުރި މީހެކެވެ. މާލޭން އައި 28 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ އެއްވެސް ކޮންޓެކްޓެއް ނެތެވެ. ދެން ޕޮޒިޓިވްވީ ކުޅުދުއްފުށީގައި ހުންނަށް އޭޑީކޭ ކޯލް ސެންޓަރުގައި މަސައްކަތްކުރާ 30 އަހަރުގެ އަންހެނެކެވެ.
ބުރާސްފަތި ދުވަހު ކުޅުދުއްފުށިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 11 އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖެކެވެ. 9 އަހަރުގެ ކުއްޖާއަކީ އަލާމާތް ހުރެގެން ފުލޫ އޯޕީޑީއަށް ދެއްކި ކުއްޖެކެވެ. އަދި 11 އަހަރުގެ ކުއްޖަކީ ގާރލްގައިޑް ކޭމްޕަށް ދިޔުމުގެ ކުރިން ނެގި ސާމްޕަލެކެވެ.
ކޮވިޑް-19 ގެ ކޭހެއް ނުފެންނަތާ ގިނަ ދުވަސްތަކަކަށްފަހު ޕޮޒިޓިވްވި ކޭހެއް ފެނުނީ މިދިޔަ ހޯމަދުވަހު އެވެ.
މަދު ދުވަސްކޮޅުގެ ތެރޭގައި ހަތަރު ކްލަސްޓާއެއް ފެނިފައިވުމުން ރަށު ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ އޮފިސަރުން ވިދާޅުވެ އެވެ. އެހެންކަމުން ބަލި ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.