އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ މެންބަރުން ވަކިކުރަން ހުށަހެޅީ އިނގުރައިދޫގެ މެންބަރު ހަސަން އަހަމަދު (ހަސަންޓޭ)އެވެ. އަދި މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ބެލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް)އެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން ވޯޓު ދެއްވީ ގަމު ދާއިރާގެ މެންބަރު ހަސަން ވިސާމު، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ، އިނގުރައިދޫ ދާއިރާގެ މެންބަރުން ހަސަން އަހުމަދު ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމުގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު މުހަންމަދު އަބްދުﷲ ޝަފީގެވެ.
އެ ކޮމިޝަނުގެ މެމްބަރުން ވަކިކުރަން ނުފެންނަ ކަމަށް ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވަނީ ވޯޓު ދެއްވާފައެވެ. އުޝަމަކީ އެމްއެންޕީގެ ބޭފުޅެވެ. އަދި އަލީ ހަމީދަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން މިއަދު ފާސްކުރީ އެ ކޮމިޝަނުގެ މެމްބަރުންނަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށްފަހުއެވެ.
އޭސީސީގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު އައިޝަތު އަބްދުﷲއެވެ. އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރަން ނިންމައިފައިވަނީ އެ ކޮމިޝަނުގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުގައެވެ.