ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20 އަރާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ފަހުން އޯފީޑީއަށް ދެއްކި އިތުރު މީހަކު ޕޮޒިޓިވްވެފައިވާއިރު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 3 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު ވަނީ 20 އަރާފައެވެ.
ގިނަދުވަސްތަކަކަށް ފަހު އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނުނީ މިމަހު 20 ވަނަ ދުވަހުއެވެ. އެ ދުވަހު ދެ ކޭސް ފެނުނު އިރު އެކަކަކީ މާލެއިން ދަތުރުކުރި މީހެކެވެ. އެމީހާވެސް އެއްވެސް ކޮންޓެކްޓެއް ނެތް އިރު ދެން ޕޮޒިޓިވްވީ އަލާމާތް ހުރެގެން އޯޕީޑީއަށް ދެއްކި 30 އަހަރުގެ އަންހެނެކެވެ. އެ އަންހެންމީހާގެ ކޮންޓެކްޓުންގެ ތެރެއިން އިތުރު 3 މީހަކު ޕޮޒިޓިވް ވިއެވެ.
އޭނގެފަހުން ކުޅުދުއްފުއްޓާއި މާލެ އާއި ދެމެދު ދަތުރުކުރާ ސީކުއީން ބޯޓުން 3 މީހަކު ޕޮޒިޓިވްވެފައިވާއިރު ސީކުއީން ބޯޓް ޓެސްޓްކުރީ 30 އަހަރުގެ އަންހެން މީހާގެ ކްލަސްޓާއާއި ގުޅުން ހުރިކަމަށް ބެލެވޭތީކަމަށް މީގެކުރިން އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިމަހު 23 ވަނަ ދުވަހު 11 އަހަރުގެ ކުއްޖަކާ 9 އަހަރުގެ ކުއްޖަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓްވެފައެވެ. 9 އަހަރުގެ ކުއްޖާއަކީ އަލާމާތް ހުރެގެން ފުލޫ އޯޕީޑީއަށް ދެއްކި ކުއްޖެކެވެ. އަދި 11 އަހަރުގެ ކުއްޖަކީ ގާރލްގައިޑް ކޭމްޕަށް ދިޔުމުގެ ކުރިން ނެގި ސާމްޕަލެކެވެ.
މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ހަތަރު ކްލަސްޓާއެއް ފެނިފައިވުމުން ރަށު ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ އޮފިސަރުން ވިދާޅުވެ އެވެ. އެހެންކަމުން ބަލި ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.