ކޮވިޑް-19 އާ ދެކޮޅަށް އީރާނާއި ތުރުކީން އުފެއްދި ދެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެދެގައުމުގެ ކަމާބެހޭ އިދާރާތަކުން ދީފި އެވެ.
އީރާނުގެ ފާމަސުޓިކަލް އިންސްޓިއުޓް ކަމަށްވާ "ރާޒީ އިންސްޓިއުޓް" އިން އުފެއްދި ވެކްސިނަށް ނަމަކީ "ރާޒީ" އެވެ. ވެކްސިން ގެ ފަސް މިލިޔަން ޑޯޒު މިހާރު ވަނީ އުފައްދާފައެވެ. އަދި އޭގެ އިތުރު 20 މިލިޔަން ޑޯޒު އުފެއްދުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެއެވެ.
މިއީ 18 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންނަށް ރައްކާތެރި ވެކްސިން އެއްކަމަށް ކަނޑައަޅައި އިމަޖެންސީ ހާލަތްތަކުގައި އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އީރާނުގެ ބޭހާއި ވެކްސިންތަކަށް ހުއްދަދޭ އިދާރާކަމަށްވާ "އީރާން ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން" އިން މިހާރުވަނީ ދީފައެވެ.
އަށްޑިހަ ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ އީރާން ރައްޔިތުންގެ 18 އަހަރާއި 75 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް ދެ ޑޯޒު ދިނުމަށްޓަކައި ކޮވިޑް ވެކްސިން ގެ މަދުވެގެން 110 މިލިޔަން ޑޯޒު ބޭނުންވާކަމަށް އީރާނުގެ ސިއްހަތާބެހޭ އިދާރާއިން ބުނެއެވެ.
އީރާނަކީ އެމެރިކާ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ކޮވިޑް ވެކްސިން ގަތުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ގައުމެކެވެ. އީރާނުން އަމިއްލަ ވެކްސިން އެއް އުފެއްދީވެސް ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ބޭރުން ވެކްސިން ގަތުމަށް ދަތިތައް ކުރިމަތިވެފައިވާތީ އެކަން ހައްލުކުރުމަށެވެ.
ތުރުކީން އުފެއްދި ކޮވިޑް ވެކްސިންގެ ނަމަކީ "ޓާކޮވަކް" އެވެ. މިވެކްސިން އުފެއްދީ ތުރުކީގެ ފާމަސުޓިކަލް އިންސްޓިއުޓެއް ކަމަށްވާ "ހެލްތް އިންސްޓިޓިއުޓް އޮފް ޓާކީ" އާއި ތުރުކީގެ އޭސިޔަސް ޔުނިވާސިޓީ ގުޅިގެންނެވެ. ވެކްސިންއާއި ބޭހަށް ހުއްދަދޭ ތުރުކީގެ އިދާރާ ކަމަށްވާ "ދަ ޓާކިޝް މެޑިސިންސް އެންޑް މެޑިކަލް ޑިވައިސިސް އެޖެންސީ" (ޓީއެމްއެމްޑީއޭ) އިންވަނީ 18 އަހަރުން މަތީ މީހުންނަށް އިމާޖެންސީ ހާލަތްތަކުގައި އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދާދިފަހުން ދީފައެވެ.