ކުޅުދުއްފުށި ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކޭއާރުއެޗުގައި މަސައްކަތްކުރާ ތިން ޑޮކްޓަރަކުވެސް ހިމެނިއްޖެ އެވެ.
ކޮވިޑްގެ ބަލި މީހެއް ނުފެންނަތާ ދުވަސްތަކަކަށްފަހު އެ ބަލީގެ މީހެއް ފެނުނީ މިހުސްވި ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު އެވެ. އެއަށްފަހު ގުޅުމެއް ނެތް ގިނަ ބަޔަކު ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 26 އަށް އުފުލިފަ އެވެ.
މީގެ ތެރޭގައި ކޭއާރުއެޗުގައި މަސައްކަތްކުރާ ތިން ބިދޭސީ ޑޮކްޓަރަކުވެސް ޕޮޒިޓިވްވެ ކަރަންޓީނުކޮށްފައިވާކަން ވަނީ އެނގިފަ އެވެ. އަދި އެ ޑޮކްޓަރުންނަކީ ކައިރި ދުވަސްވަރެއްގައި ދަތުރުކޮށްފައިނުވާ ބައެއްކަމަށް މައުލޫމާތު ލިބެ އެވެ.
ކޮމިއުނިޓީ ސްޕްރެޑެއް ބިރު އޮތުމުން ކައުންސިލް ބައިވެރިވެގެން ކުރަން ނިންމާފައިވާ ހަރަކާތްތައް އަންނަނީ ކެންސަލްކުރަމުންނެވެ. ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ސިއްހީ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަހު، ކޮވިޑް-19 ކޭސްތައް ރާއްޖޭގައި އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މިއަދު ވިދާޅުވެފަ އެވެ.
ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސް ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާއިން ސަލާމަތް ވުމުގެ އުންމީދަކާ ހަމައަށް ދިވެހިންނަށް މިހާރު އާދެވިފައިވާ ކަމަށެވެ.
އަދި ފާއިތުވީ ދެ އަހަރަކީ ރާއްޖޭގައި ތާރީހު ލިޔެވެން ފެށި ފަހުން ދިމާވި އެންމެ ހައްސާސް ދެ އަހަރު ކަމަށާއި އަލަށް ފެތުރެމުން އަންނަ ކޮވިޑް ވޭރިއަންޓުގެ ބިރު ރާއްޖެއަށްވެސް އެބަ އޮތްކަމަށް ރައީސް ވިދާޅުވި އެވެ.
އާ ވޭރިއަންޓާ ގުޅިގެން ޓެގް ޓީމާއެކު އިއްޔެ މަޝްވަރާތައް ކުރެވުނު ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ހާލަތު ގޯސްވެދާނެ ކަމުގެ ފުރުސަތު އޮތް ކަން ރައީސް ފާހަގަކުރެއްވި އެވެ.