މިދިޔަ ނޮވެމްބަރުމަހު ގްރީން ފަންޑުން 71 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރުމަހު 46 މަޝްރޫއަކަށް ގްރީން ފަންޑުން ވަނީ ހަރަދުކޮށްފައެވެ. މީގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
ނޮވެމްބަރުމަހު ހަރަދުކޮށްފައިވާ މިންވަރަކީ މިދިޔަ އޮކްޓޯބަރުމަހު ގްރީން ފަންޑުން ކުރި ހަރަދާ އަޅާ ބަލާއިރު، %330 އިތުރު އަދަދެކެވެ. ނޮވެމްބަރުމަހު ގްރީން ފަންޑުންވަނީ 16.5 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން ނޮވެމްބަރުމަހު އެފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކ.ހިންމަފުށީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއަށެވެ. މި މަޝްރޫއަށް 7.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހުވަދު އަތޮޅުގައި ވޭސްޓު މެނޭޖްމަންޓު ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތަށެވެ. އެއީ 6.5 މިލިއަން ރުފިޔާއެވެ.
ނޮވެމްބަރުމަހު ގްރީން ފަންޑަށް 75.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ނޮވެމްބަރުމަހު ލިބިފައިވަނީ ކ.އަތޮޅުންނެވެ. އެއީ 25.7 މިލިއަން ރުފިޔާއެވެ. 2ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އދ.އަތޮޅުންނެވެ. އެއީ 7.7 މިލިއަން ރުފިޔާއެވެ. ނޮވެމްބަރުމަސް ނިމުނުއިރު ގްރީން ފަންޑުގައި ހުރީ ޖުމްލަ 840 މިލިއަން ރުފިޔާއެވެ.