twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރާއްޖޭގެ ސިއްހީ ނިޒާމު ވެސް ތަރައްގީކުރަން ބޭނުންވަނީ ލާމަރުކަޒު ކޮށްގެން: ރައީސް

ނަބީލާ އިސްމާޢީލް
Jan 8, 2022

ރާއްޖޭގެ ސިއްހީ ނިޒާމު ވެސް ތަރައްގީކުރަން ބޭނުންވަނީ ލާމަރުކަޒު ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މާލޭގައި ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލް ފަދަ އުސް އިމާރާތެއް ހަދައި އެތަނަށް ބައްލަވަން ހުންނެވުމަކީ އެމަނިކުފާނަށް ވެސް އުދަގޫ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް އެގޮތަށް އަމަލުކުރުމުން އައިޖީއެމްއެޗްގެ ކިޔު ދިގުވުން ފިޔަވާ ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނޯންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން ރާއްޖޭގެ ސިއްހީ ނިޒާމު ވެސް ތަރައްގީކުރަން ބޭނުންވަނީ ލާމަރުކަޒު ކޮށްގެން ކަމަށް ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލްތައް ހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑަށްވެސް އައިޖީއެމްއެޗް ކައިރީގައި އިތުރު ޓަވަރެއް ހެދިދާނެ. އެއްވެސް ކަމެއް ނޫން އެއަކީ. އަދި މައްޗަށް އެއާ ދިމާޔަށް ބަލަންވެސް އިނދެވިދާނެ. އެތަނަށް ޑޮކްޓަރުންވެސް ލެވިދާނެ. ހިދުމަތްތައްވެސް ލެވިދާނެ" ރައީސް ވިދާޅުވި އެވެ.

ކޮަމަންޑޫ ދާއިރާގެ މަޖިލިސް މެންބަރުގެ ގޮތުގައި ހުންނަވަނިކޮށް އަވަހާރަވި ހުސައިން ވަހީދާ ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ ހުސައިން އަކީ އެމަނިކުފާނަށް ގެއްލުނު ވަރަށް ތެދުވެރި އިހްލާސްތެރި އެކުވެރިޔެއް ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ރަށްތަކުން މިދިޔަ ތިން އަހަރު ފެނުނު ވަރުގެ ތަރައްގީއެއް އެރަށްތަކުގެ ރައްޔިތުން ދުވަހަކުވެސް ނުދެކޭނެ ކަމަށާއި އެއީ ހުސައިންގެ މަސައްކަތުގެ ސްޕީޑް ކަމަށްވެސް ވިދާޅުވި އެވެ. ކޮަމަންޑޫ ދާއިރާއަށް ދެންވެސް ބޭނުންވަނީ އެ ސްޕީޑް ހުންނެވި ބޭފުޅެއް ކަމަށާއި މުހައްމަދު ރާޝިދަކީ އެކަހަލަ ބޭފުޅަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355