twitterviber whatsapp telegramfacebookyoutube instagram
17th April 2024

ފަސް ދުވަސްތެރޭ ނޮޅިވަރަންފަރުން 32 މީހުން ޕޮޒިޓިވްވެ ބަލި ފެތުރިދާނެކަމުގެ ބިރު ބޮޑު

- ފުލުހަކު ޕޮޒިޓިވްވެ ޕޮލިސް ސްޓޭޝަން ވަނީ ކަރަންޓީން ކޮށްފަ
- ވަރަށް ބޮޑަށް ބަލި ފެތުރިދާނެ ކަމުގެ ބިރު ހީވެފަ
- ފެނަކަ މުވައްޒަފަކު ޕޮޒިޓިވްވެ އެތަންވެސް ވަނީ ކަރަންޓީންކޮށްފަ

ނަބީލާ އިސްމާޢީލް
Jan 9, 2022

ހދ. ނޮޅިވަރަންފަރުން ކޮވިޑް ކޭސްތަކެއް ފެނި ރަށުތެރޭގައި ވަރަށް ބޮޑަށް ބަލި ފެތުރިދާނެކަމުގެ ބިރު ހީވެފައިވާކަމަށް ނޮޅިވަރަންފަރު ސިއްހީ މަރުކަޒުން ބުނެފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން އެ ރަށު ސިއްހީ މަރުކަޒުގެ އޮފިސަލަކު ވިދާޅުވީ މިހާރު އެ ރަށުގައި ފެތުރެމުންދާ ކޮވިޑް ކޭސްތަކާ ގުޅިގެން ފުރަތަމަ ކޭހެއް ރިޕޯޓްކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު އެރަށު ގެސްޓް ހައުސްއެއްގައި ހުރި ފަތުރުވެރިއެއް ކަމަށެވެ.

ނަމަވެސް އެމީހާގެ އެއްވެސް ކޮންޓެކްޓެއް ރަށުތެރޭގައި ނެތް ކަމަށާއި އެ މީހާ ހުރީ އެ ގެސްޓް ހައުސްގައި ކަރަންޓީންކޮށްފައި ކަމަށެވެ.

އެކަމަކު މިމަހު 4 ވަނަ ދުވަހު ބަލީގެ އަލާމާތްތައް ހުރެގެން ސިއްހީ މަރުކަޒަށް ދެއްކި ފަރާތެއް ޕޮޒިޓިވްވެ އެމީހާ އާއި ގުޅުން ހުރި ފަރާތައް ފާހަގަކޮށް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު ބަޔަކު ޕޮޒިޓިވްވެ ޖުމްލަ 33 މީހުން މިވަގުތު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އޮފިސަލު ވިދާޅުވީ މީގެ ތެރޭގައި ގުޅުމެއް ނެތް ތަފާތު ކުލަސްޓާތަކެއް އުފެދި މި ވަގުތު ރަށުތެރޭގައި ބަލި ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ޕޮލިސް ސްޓޭޝަންގެ ބައެއް ފުލުހުންނާއި ފެނަކައިގެ ބައެއް މުވައްޒަފުންވެސް ޕޮޒިޓިވްވެ، ޕޮލިސް ސްޓޭޝަންވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ.

އޮފިސަލު އިތުރަށް ވިދާޅުވީ މިވަގުތު ޕޮޒިޓިވް މީހުންގެ އާންމު ހާލަތު ގޯސްނޫން ކަމަށެވެ. އަދި މި ކޭސްތަކާ ގުޅިގެން 23 ގެއެއްގައި 81 މީހުން ކަރަންޓީނު ކޮށްފައިވާކަމަށެވެ.

މިހާތަނަށް 116 އަށް ވުރެ ގިނަ ސާމްޕަލްތަކެއް ނެގިފައިވާއިރު އަދިވެސް އަންނަނީ ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް ސާމްޕަލް ނަގަމުންނެވެ.

ހުރިހާ ފަރާތްތަކުން ބަލި ނުފެތުރޭނެހެން އުޅުމަށް އެފަރާތުން ވަނީ އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމާއި މާސްކް އެޅުމާއެކު ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނައިން އަތް ދޮވުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ހދ އަތޮޅުގެ ބައެއް ރަށްތަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު މި އަތޮޅުން ނެއްލައިދޫގެ އިތުރުން ނައިވާދޫވެސް އޮތީ މޮނިޓަރިންގގެ ހާލަތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355