ޓެކާސްއިން ބާއްވާ ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ހދ އަތޮޅުގެ މެޗުތައް ފަސްކޮށްފި އެވެ. ހދ ގެ މެޗުތައް ފަސްކުރީ ކޮވިޑް-19 ގެ ކޭސްތައް މިއަތޮޅުގައި އިތުރުވަމުންދާތީ އެވެ.
މުބާރާތް ބާއްވާ ކުޅުދުއްފުށީގައި ކޮވިޑް ކޭސްތައް 100 އިން މަތީގައި އުޅޭއިރު އެ އަތޮޅުގެ ގިނަ ރަށްތަކެއްގައި ކޮވިޑް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން ނައިވާދޫ، ހަނިމާދޫ، ނެއްލައިދޫ އަދި ނޮޅިވަރަންފަރުވެސް އޮތީ މޮނިޓަރިންގ އެވެ.
ޓެކާސްގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، ކުރިންވެސް ޝެޑިއުލްކުރެވިފައިވާ ގޮތަށް ށ އަދި ނ އަތޮޅުގެ މުބާރާތް ފެށިގެންދާނެ އެވެ. ހދ އަތޮޅުގެ ބައި ކުޅެން މިހާރު ޝެޑިއުލްކޮށްފައިވަނީ 6 ފެބްރުއަރީ އެވެ.
ކޮވިޑް ކޭސްތަކާ ހެދި މުބާރާތް ފަސްކޮށްދިނުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުންވެސް ވަނީ އެދިފަ އެވެ. މީގެ ކުރިންވެސް ކައުންސިލުން ކުރިއަށްގެންދަން އުޅުނު ގިނަ ހަރަކާތްތަކެއް ކޮވިޑާ ހެދި ކެންސަލްކުރި އެވެ.
ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ.
ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ. އެގޮތުން ބަލާއިރު ހދ ގެ ޗެމްޕިއަނުން ބައްދަލުކުރަންޖެހޭނީ ހއގެ ޗެމްޕިއަނުންނާ އެވެ.
އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ.
މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.