ކުޅުދުއްފުށިން އިތުރު 14 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. މިއާއެކު މިވަގުތު ކުޅުދުއްފުށީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 196 އެވެ.
މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ ފުލޫ އޯޕީޑީއަށް ދެއްކި 95 މިހަކާއި، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 79 ފަރާތަކާއި، ރޭންޑަމް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 21 މީހެއްގެ އިތުރުން ޑިޕާޗާ ސާމްޕަލްއަކުން ޕޮޒިޓިވްވި މީހެކެވެ. އިއްޔެ ބަލިން 21 މީހަކު ރަނގަޅު ވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މިދިޔަ ޑިސެންބަރު މަހު ކުޅުދުއްފުށީގައި ބަލިފެތުރެން ފެށިފަހުން މިހާތަނަށް 400 ވުރެ ގިނަ ކޭސްވަނީ ރިޕޯޓްކޮށްފައެވެ. އޭގެތެރެއިން 200 ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެއެވެ. މީގެ ކުރިންވެސް އެކި ފަހަރުމަތިން ކުޅުދުއްފުށިން ކޮވިޑް ކޭސްތައް ފެނި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓް ކުރެވުނު ފަހަރުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށީގެ އާބާދީގެ 93 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ. އަދި 421 މީހަކަށް ބޫސްޓާ ޑޯސް ޖެހިފައިވާއިރު 28 ޖެނުއަރީވާ ހުކުރު ދުވަހު ކުޅުދުއްފުށީގައި އަދި އަތޮޅުގެ އެހެން ރަށްރަށުގައި ބޫސްޓާ ޑޯޒް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މޮނީޓަރިންގައި އޮތްނަމަވެސް މިފަހަރު ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ގޭގެ ވަކި ކޮޓަރިއެއްގައި ކަރަންޓީނު ވެވޭނެ ގޮތަށް ނިންމާ ގޭގެ ބޭރުގައި ނޯޓިސް ތަތް ކުރުން ވެސް ހުއްޓާލުމަށް އެންމެ ފަހުން ބޭއްވި ޓާސްކްފޯސް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
މީގެ އިތުރުން ޕޮޒިޓިވްވާ މީހާއަށް ޕޮޒިޓިވްވީކަން ޕަބްލިކް ހެލްތުން އެންގި ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހެދުމަކަށް ނުގުޅާނެއެވެ. އެމީހަކު ކަރަންޓީންވުމާއި، ކޮންޓެކްޓުންގެ މައުލޫމާތު ޕަބްލިކް ހެލްތަށް އެންގުމަކީ އެ މީހެއްގެ އަމިއްލަ ޒިންމާއެކެވެ. އަދި ކޮންޓެކްޓުން ހޮސްޕިޓަލަށް ގޮސް ޓެސްޓްކުރުމަކީވެސް އެމީހުންގެ އަމިއްލަ ޒިންމާއެކެވެ.
ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވާ ފަރާތްތައް ހެނދުނު 0900-1200 އާ ދެމެދު އުފަން ހިޔާއަށް ގޮސްގެން ނުވަތަ ފުލޫ ކުލިނިކް ގާއިމު ކުރެވިފައިވާ މާރުކޭޓް އިމާރާތަށް 0900-1200 އާއި 1600-1900 އާ ދެމެދު ގޮސްގެން ސާމްޕަލް ނެގޭނެ އެވެ.