ކުޅުދުއްފުށިން އިތުރު 38 މީހަކު ބަލިން ޕޮޒިޓިވްވެ، އެކްޓިވް ކޭސް އަދަދު 317 އަރައިފި އެވެ. އިއްޔެ ވަނީ އިތުރު 40 މީހަކު ބަލިން ރަނގަޅުވެއެވެ.
މިދިޔަ ޑިސެންބަރު މަހު 20 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީގައި ކޮވިޑް ކޭސްތައް ފެންނަމުން ދާއިރު އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ މިމަހު 28 ވަނަ ދުވަހުއެވެ. އެ ދުވަހު 109 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު ތިބީ ފުލޫ އޯޕީޑީއަށް ދެއްކި 134 ފަރާތަކާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 164 ފަރާތެއްގެ އިތުރުން ރޭންޑަމްކޮށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 18 މީހަކާއި ޑިޕާޗާ ސާމްޕަލެކެވެ.
މީގެ ކުރިންވެސް އެކި ފަހަރުމަތިން ކުޅުދުއްފުށިން ކޮވިޑް ކޭސްތައް ފެނި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓް ކުރެވުނު ފަހަރުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މޮނީޓަރިންގައި އޮތްނަމަވެސް މިފަހަރު ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ގޭގެ ވަކި ކޮޓަރިއެއްގައި ކަރަންޓީނު ވެވޭނެ ގޮތަށް ނިންމާ ގޭގެ ބޭރުގައި ނޯޓިސް ތަތް ކުރުން ވެސް ހުއްޓާލުމަށް އެންމެ ފަހުން ބޭއްވި ޓާސްކްފޯސް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
މީގެ އިތުރުން ޕޮޒިޓިވްވާ މީހާއަށް ޕޮޒިޓިވްވީކަން ޕަބްލިކް ހެލްތުން އެންގި ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހެދުމަކަށް ނުގުޅާނެއެވެ. އެމީހަކު ކަރަންޓީންވުމާއި، ކޮންޓެކްޓުންގެ މައުލޫމާތު ޕަބްލިކް ހެލްތަށް އެންގުމަކީ އެ މީހެއްގެ އަމިއްލަ ޒިންމާއެކެވެ. އަދި ކޮންޓެކްޓުން ހޮސްޕިޓަލަށް ގޮސް ޓެސްޓްކުރުމަކީވެސް އެމީހުންގެ އަމިއްލަ ޒިންމާއެކެވެ.