ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް އިތުރުން 720 ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ސްޓޫޑެންޓް ލޯނަށް ހުޅުވާލާކަން ހާމަ ކުރެއްވީ ރައީސް ސޯލިހް މިހާރު އިއްވަވާ ރިޔާސީ ބަޔާނުގައެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު 1،500 ވުރެ ގިނަ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދޫކޮށްފައިވާ ކަމަށެވެ.
"މަތީ ތައުލީމުގެ އުސް ހަރުފަތަކީ ހުސްވާ އެއްޗެއް ނޫން. ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ 1،500 އަށްވުރެ ގިނަ ދަރިވަރުންނަށް 2021 ވަނަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯން ދޫކުރިން. މިކަމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާ ނުކުޅެދުންތެރިކަން ހުރި މީހުންނަށް ސަރުކާރުން އިސްކަން ދިނިން . އަދި މިހިނގާ 2022 ވަނަ އަހަރު މި ސްކީމްގެ ދަށުން އިތުރު 720 ފުރުސަތު އަންނަ ހޯމަ ދުވަހު ހުޅުވާލެވޭނެ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ހިންގަމުން އަންނަ ފްރީ ޑިގްރީ ސްކީމްގެ ނަތީޖާ ވަރަށް ފޮނިކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ އަންނަ ހަފްތާގެ ހޯމަ ދުވަހު، މިފަދަ އިތުރުން 720 ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮލެޖް ނުވަތަ ޔުނިވާސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12،730 އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދާދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން 2،127 ދަރިވަރުން މިހާރުވެސް ޑިގްރީ ފުރިހަމަ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާ ތަކުން ދިވެހި ޕްރޮފެޝަނަލުން އުފެއްދުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. މިގޮތުން މިހާރުވެސް ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 124 ދަރިވަރުންނަށް ލޯން ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 1،150 ޕްރޮފެޝަނަލުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އައިސީޓީ އަދި އެކައުންޓިން ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް މި މަހުން ފެށިގެން ކުރިއަށް ދާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުގައި ޓިވެޓް ސެންޓަރުތަކާއި ޖޫނިއާ ކޮލެޖް އަދި ޕޮލިޓެކްނިކް ގާއިމު ކުރުމުގެ މަސައްކަތް ހިންގަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް އަދި ރ. އަލިފުށީ ޓިވެޓް ސެންޓަރ ބިނާކުރުމުގެ މަސައްކަތް މިއަހަރު ހިނގަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި ތުލުސްދޫގެ ޕޮލިޓެކްނިކް، އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ވަނީ އިއުލާންކުރެވިފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.