twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަނިމާދޫ ބަލިކޮށް ހދ އަތޮޅުގެ ތަށި ކުޅުދުއްފުއްޓަށް!

މުޙައްމަދު އަހުމަދު
Feb 12, 2022

މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގެ ހދ އަތޮޅު ބުރުގެ ފައިނަލުގައި 4 - 2 ން ހަނިމާދޫ ބަލިކޮށް ކުޅުދުއްފުށި ސިޓީން އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.

މިރޭ ނޮޅިވަރަންފަރުގައި ކުޅެވުނު ފައިނަލު މެޗުގައި ކުޅުދުއްފުށިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ހަނިމާދޫގެ ގޯލް މެޝިން އާސިއްޕެ ހިފަހައްޓާފަ އެވެ. މިރޭގެ މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ވެސް ކުޅުދުއްފުށިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 10 އަބޫ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1 - 0 ން ކުޅުދުއްފުށި ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން އާސިއްޕެ ހަނިމާދޫއަށް އެއްވަރުކޮށްދިނެވެ. އެހެންނަމަވެސް އެލަނޑު ޖަހާ ހަނިމާދޫއަށް ހަމަޖެހިނުލެވެނީސް މައްލެ ވަނީ ކުޅެން އަރާ ކުޅުދުއްފުއްޓަށް އަލުން ލީޑު ނަގައިދީފަ އެވެ.

ކުޅުދުއްފުށީގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އަހްމަދު މުހައްމަދު (ވެނިސް) އަދި ހަސަން މުހައްމަދެވެ. މެޗުގައި ކުޅުދުއްފުށިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ހާއްސަކޮށް ކީޕަރު މާހީގެ ކުޅަދާނަ ސޭވްތައް ފާހަގަކޮށްލެވެ އެވެ.

ކުޅުދުއްފުއްޓާ ހަނިމާދޫ ބައްދަލުކުރި ފޯރިގަދަ ފައިނަލުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް ކުޅުދުއްފުށީގެ ކެޕްޓަން އަދި އެޓީމުގެ ޖޯޒީ ނަމްބަރު 7 އަހްމަދު ދާއޫދު (ޑޭވިޑް) އެވެ.

މިރޭގެ ފައިނަލުން މޮޅުވެ ބްލޮކް 1 ގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް ލިބުނުއިރު ބްލޮކް 1 އަދި ބްލޮކް 2 ވާދަކުރާ ޒޯން 1 ގެ ފައިނަލުގައި ކުޅުދުއްފުށި ނުކުންނަން ޖެހޭނީ ގަދަފަދަ މާފަރާ ދެކޮޅަށެވެ. މިމަހުގެ 14 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ އެމެޗު އޮންނާނީ ނ. މާފަރުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355