twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހދ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ޑޭވިޑް، އެންމެ މޮޅު ކީޕަރަކަށް މާހީ!

މުޙައްމަދު އަހުމަދު
Feb 13, 2022

މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގައި ހދ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޓީމް ކުޅުދުއްފުށީގެ ކެޕްޓަން އަހްމަދު ދާއޫދު (ޑޭވިޑް) ހޯދިިއިރު އެންމެ މޮޅު ކީޕަރަކަށް ކުޅުދުއްފުށީގެ މާހީ އަބްދުﷲ ހޮވިއްޖެ އެވެ.

ރޭ ކުޅެވުނު ފައިނަލުގައި ވެސް ޑޭވިޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ރޭ ކުޅުދުއްފުށިން ވަނީ 4 - 2 ން ހަނިމާދޫ ބަލިކޮށް އަތޮޅު ޗެމްޕިއަންކަން ހޯދާފަ އެވެ. ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ ޑޭވިޑަށެވެ.

ކުޅުދުއްފުށީގެ ކީޕަރު މާހީގެ ފަރާތުން ވެސް މިމުބާރާތުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ ރޭގެ މެޗުގައި އާދަޔާ ހިލާފު މޮޅު ސޭވްތަކެއް ކޮށްފަ އެވެ. އޭނާ ވަނީ މިމުބާރާތުގައި ކުޅުދުއްފުށި ކުޅުނު 4 މެޗުގެ ތެރެއިން 2 މެޗުގެ މޭން އޮފް ދަ މެޗް ވެސް ހޯދާފަ އެވެ.

މިމުބާރާތުގައި އެންމެ ގިނަ ވަނަތައް ގެންދިޔައީ ޓީމް ހަނިމާދޫއިންނެވެ. މުބާރާތުގެ ޓޮޕް ޕްލޭމޭކަރުގެ މަގާމު ހާސިލްކުރީ ޓީމް ހަނިމާދޫއަށް ކުޅޭ އެޓީމުގެ ޖޯޒީ ނަމްބަރު 17 އަލީ އާމިރެވެ. އާމިރު ވަނީ ރޭގެ ފައިނަލުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މުބާރާތުގައި އެންމެ މޮޅު އެއް ކުޅުމެއް ދެއްކި އަނެއް ކުޅުންތެރިޔަކީ ހަނިމާދޫގެ ގޯލް މެޝިން އާސިފް ސަލީމް (އާސިއްޕެ) އެވެ. މިމުބާރާތުގައި އާސިއްޕެ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ހަނިމާދޫ ކުޅުނު ހުރިހާ މެޗެއްގައި ވެސް އާސިއްޕެ އޭނާގެ ޖާދޫ ދެއްކިއިރު އޭނާ ވަނީ މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

މުބާރާތުގެ އެންމެ މޮޅު މެނޭޖަރުގެ މަގާމު ލިބުނީ ޓީމް ކުޅުދުއްފުށީގެ މެނޭޖަރު ސިނާން އިބްރާހިމް (ސިއްނަ) އަށެވެ. ޒުވާން ކޯޗު ސިއްނަ ވަނީ މިފަހަރުގެ ހދ އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް ހޯދައިދީފަ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ނޭކުރަންދޫ ފުޓްސަލް ޓީމުގެ ޖޯޒީ ނަމްބަރު 23 މުހައްމަދު އަބާން އިމްރާން އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ކުޅުދުއްފުށީގެ ޖޯޒީ ނަމްބަރު 10 އަބޫބަކުރު އާދަމްއާއި ނޮޅިވަރަންފަރު ޓީމުގެ ޖޯޒީ ނަމްބަރު 10 އަބްދުﷲ ޝަފީއު ހާޝިމްގެ އިތުރުން ހަނިމާދޫގެ ޖޯޒީ ނަމްބަރު 14 އާލިފް އިބްރާހިމާއި އެޓީމުގެ ޖޯޒީ ނަމްބަރު 17 އަލީ އާމިރު އަދި ޖޯޒީ ނަމްބަރު 7 އާސިފް ސަލީމް (އާސިއްޕެ) އެވެ.

ރޭ ކުޅެވުނު ފައިނަލު މެޗުން ކުޅުދުއްފުށި މޮޅުވިއިރު ޒޯން ފައިނަލުގައި ކުޅުދުއްފުށި ނުކުންނަންޖެހޭނީ ބްލޮކް 2 ގެ ޗެމްޕިއަންކަން ހޯދި ގަދަފަދަ މާފަރާ ދެކޮޅަށެވެ. އެމެޗު އޮންނާނީ އަންނަ ހޯމަދުވަހު ހަވީރު 5 ޖަހާއިރު ނ. މާފަރު ޓާފް ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355