twitterviber whatsapp telegramfacebookyoutube instagram
26th April 2024

ށ އަތޮޅުން ރިސޯޓް ހެދުމަށް ހުޅުވާލި 3 ރަށް ދޫކުރުން ކޯޓުން ހުއްޓުވައިފި

ޚަދީޖާ އާދަމް
Feb 13, 2022

ށ. ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއްގައި ރިސޯޓެއް ހަދަން ކުއްޔަށް ދޭން ސަރުކާރުން އިއުލާން ކޮށްފައި ވަނިކޮށް އެކަން ސިވިލް ކޯޓުން ހުއްޓުވައިފި އެވެ. އެ ރަށްތަކަކީ ށ. ދިގުރަށާއި މެދުރަށް އަދި މައިރަށެވެ.

އެ ތިން ރަށް ރިސޯޓް ހަދަން ކުއްޔަށް ދޫކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އިއްޔެ އަމުރުކުރީ ޕްރިމިއާ އިކުއިޓީ ކުންފުނީގެ އެ ތިން ރަށަކީ ސަރުކާރުން ކުރިން އެ ކުންފުންޏާ އެކު ހެދި ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން، އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވާ ތިން ރަށް ކަމަށް ބުނެ ހުށައެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ނިމެންދެން އެ ތިން ރަށް އެހެން ބަޔަކަށް ނުދިނުމުގެ އަމުރަކަށް އެ ކުންފުނިން އެދުނެވެ.

ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ ފެންނަން ހުރި ކަންތައްތަކަށް ބަލާއިރު، އެ ރަށްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމުން ޕްރިމިއާ އިކުއިޓީ ކުންފުންޏަށް ލިބެނޭ ކަމަށް ބެލެވޭ ގެއްލުން މާ ބޮޑު ކަމަށެވެ.

ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ ނެރުއްވި އެ އަމުރުގައި ވަނީ ށ. މެދުރަށާއި މައިރަށުގެ އިތުރުން ދިގުރަށުގައި ރިސޯޓް ހަދަން ބިޑް ހުށަހެޅުން ފަސްކުރަން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަންގާ ކަމަށެވެ. އެ މައްސަލައިގައި ގޮތެއް ނިމެންދެން އެހެން ފަރާތަކަށް އެ ތިން ރަށް ނުދެވޭނެ ފަދަ ފިޔަވަޅެއް ކޯޓުން އަޅަންޖެހޭ ކަމަށް އެ ނިންމުމުގައިވެ އެވެ.

ޕްރިމިއާ އިކުއިޓީ ކުންފުނިން ކުރާ ދައުވާގައިވާ ގޮތުން އެ ތިން ރަށް އެ ކުންފުންޏަށް ދޭން ސަރުކާރުން އެއްބަސްވެފައި އޮތީ 2008 ވަނަ އަހަރު ލ. ބޮޑުފިނޮޅު އަދި ލ. ގަސްފިނޮޅުގައި ރިސޯޓް ހަދަން އެ ކުންފުންޏަށް ދީފައި ވިޔަސް، އެ ތަނުގައި އަމިއްލަ މީހެއްގެ ބިމެއް އޮތުމުން އެތަނުގެ ބަދަލުގަ އެވެ. އެކަމަކު ދައުލަތުން ބުނާގޮތުން އެކަމާ ބެހޭގޮތުން މަޝްވަރާތަކެއް ކުރެވިފައި ވިޔަސް، އެ ތިން ރަށް އެ ކުންފުންޏަށް ދިނުމަށް އެއްބަސްވުމެއް ނޯންނާނެ އެވެ.

ސަރުކާރުން ރިސޯޓުތަކެއް ތަރައްގީ ކުރަން ރަށްތަކެއް އިއުލާނުކުރީ މިދިޔަ އަހަރު ދުބާއީގައި ކުރިއަށް ދިޔަ "ދުބާއީ އެކްސްޕޯ"ގައި އޮތް މޯލްޑިވިއަން އިންވެސްމަންޓް ފޯރަމްގަ އެވެ. އެގޮތުން ފުރަތަމަ ފަހަރު ހުޅުވާލި ރަށްތަކުގެ ތެރޭގައި ށ އަތޮޅުގެ މި 3 ރަށް ހިމަނާފައެއް ނުވެއެވެ. މި 3 ރަށް ލިސްޓުގައި ހިމެނީ މި ފެބްރުއަރީ މަހުގެ ތެރޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355