twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގެ އަމާޒު ޒޯންގެ ތަށްޓަށް، ނުކުންނާނީ މާފަރާ ދެކޮޅަށް!

މުޙައްމަދު އަހުމަދު
Feb 14, 2022

މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގެ ޒޯން 1 ގެ ފައިނަލުގައި މިއަދު ހަވީރު ބްލޮކް 1 އަދި ހދ ގެ ޗެމްޕިއަން ކުޅުދުއްފުށިން ނ އަތޮޅު އަދި ބްލޮކް 2 ގެ ޗެމްޕިއަން މާފަރާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.

ގަދަފަދަ ފޯކައިދޫ ބްލޮކް ފައިނަލުގައި ބަލިކޮށް މާފަރުން ޒޯން ފައިނަލަށް ދަތުރުކުރިއިރު ކުޅުދުއްފުށި ޒޯން ފައިނަލާ ހަމައަށް އައީ ފޯރިގަދަ އަތޮޅު ފައިނަލުގައި ހަނިމާދޫ ބަލިކޮށްގެންނެވެ.

މުބާރާތުގައި މެޗަކަށްފަހު މެޗެއް ކުޅުދުއްފުށި ޓީމުން ވެސް ރަނގަޅު ކުރަމުން އަންނައިރު މިމެޗު ހާއްސަވާ އަދި ފޯރިގަދަވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން ފުޓްސަލް މިހާ ބޮޑު މުބާރާތެއްގައި މިދެޓީމު ވާދަކުރާ މީ ފުރަތަމަ ފަހަރު ކަމަށްވާއިރު މިހާތަނަށް މިމުބާރާތުގައި ފެނިގެންދިޔަ އެންމެ ކުޅަދާނަ ގޯލްކީޕަރުން ވެސް ތިބީ މިދެޓީމުގަ އެވެ.

މިމެޗުގައި ނ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި ހދ ގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް ފެނިގެންދާނެ އެވެ. އެގޮތުން ޓީމް ކުޅުދުއްފުށީގެ ޑޭވިޑް ކުޅުދުއްފުށި ގޮވައިގެން ތަށި ހޯދަން ނުކުންނައިރު ޒޯންގެ ތަށްޓަށް އަމާޒު ކަނޑައަޅައިގެން ތިބި މާފަރުގެ އިރުޝާދު އަދުނާނު ވެސް އޭނާގެ ޓީމު ގޮވައިގެން ނުކުންނާނީ ތަށި ހޯދުމަށެވެ.

މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ހާއިރު މާފަރު ޓާފް ދަނޑުގަ އެވެ. މިމެޗުން މޮޅުވާ ޓީމެއް ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލާނެ އެވެ.

ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ.

ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ. އެގޮތުން ބަލާއިރު ހދގެ ޗެމްޕިއަނުން ބައްދަލުކުރަންޖެހޭނީ ހއގެ ޗެމްޕިއަނުންނާ އެވެ.

އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ. މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.

މިއީ ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މީގެ ފުރަތަމަ މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355