ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހަޔާތުގައި ފާއިތުވި އަހަރަކީވެސް އޭގެ ކުރީ އަހަރެކޭ އެއްގޮތަށް ކާމިޔާބު ގިނަ ކަންތައްތަކެއް ހާސިލްކުރެވުނު އަހަރެއްކަމުގައި އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.
ކޭއާރުއެޗުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ ޑީސީއީއޯ، އަހުމަދު ދާއޫދު ވާހަކަދައްކަވަމުން، ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވީ ހޮސްޕިޓަލް ވަކި ބޯޑެއްގެ ދަށުން ހިންގަން ފެށި ފަހުން ގެނެވުނު ބަދަލެވެ.
ކޮންމެ ބަދަލެއްގައި އޭގެ ޅަފަތުގެ ދުވަސްވަރު އެ ބަދަލެއް ރަނގަޅު މިސްރާބަކަށް ހިފަހައްޓާލައި ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް މަސައްކަތްތަކެއް ކުރެވިގެން ދިޔުމަކީ އެ ބަދަލެއް ކާމިޔާބުކުރުމަށް އެޅިގެންދާނެ ވަރަށް ރަނގަޅު ފިޔަވަޅެއްކަމަށް އޭނާގެ ވާހަކާގައި ފާހަގަކުރެއްވި އެވެ.
އެގޮތުން މިއަހަރުވެސް ވެގެންދާނީ ކާމިޔާބުކަމާއެކު މިބަދަލު ތަންފީޒުކުރުމަށްޓަކާ ވަރަށް ގިނަ މަސައްކަތެއް ކުރަން ޖެހޭނެ އަހަރެއްކަމުގައި ކަމަށާ އެހެންކަމުން އެކަމަށްޓަކާ މިއަހަރުވެސް ހުރިހާ މުވައްޒަފުންނާއި ބޯޑާއި ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އޮތްކަމަށް ޑޭވިޑް ވިދާޅުވި އެވެ.
އަދި ހުރިހާ މުވައްޒަފުންނަށްވެސް އެ މަގުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ޑޭވިޑް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އަދި ކުރިއަށް މިއޮތް އަހަރަކީވެސް ކާމިޔާބު އަހަރެއް ކަމުގައި ވެގެންދާނެކަމަށް އުންމީދުކުރާ ކަމަށާ އެދެނީ ހޮސްޕިޓަލަށްވެސް އަދި ކުޅުދުއްފުއްޓަށްވެސް ކުރިއަށް އޮތް އަހަރަކީ ކާމިޔާބު އަހަރެއްކަމުގައި ވެގެންދިޔުން ކަމަށެވެ.
ޑޭވިޑް ވިދާޅުވީ، މިކުރާ ދަތުރުގައި ހިތްނޭދޭ ބައެއް ކަހަލަ ކަންތައްތައްވެސް ކުރިމަތިވާނެކަމަށް ގަބޫލުކުރަން ޖެހޭނެ ކަމަށާއި އަޅުގަނޑުމެން ހިތް އެދޭ މިންވަރާއި ލިބޭ މިންވަރުގައި ވަރަށް ބޮޑު ފަރަގެއް ހުންނާނެ ކަމަށެވެ.
"އެހެން ވީމަ އެކަމުގައި ދިމާވާ ގޮންޖެހުންތަކުގައި އެ ދިމާވާ ދަތިތަކުގައި ހުރިހާ މުވައްޒަފުން ގުޅިގެން ކުރިއެކޭވެސް އެއްގޮތަށް މި ހޮސްޕިޓަލަކީ ލާމަސީލު ނަމޫނާއެއްކަމުގައި ދައްކާފައިވާ ހޮސްޕިޓަލެއް. އެހެންކަމުން މިއަހަރުވެސް އެކަމަށްޓަކާ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކުރަން." ކޭއާރުއެޗުގެ ޑީސީއީއޯ ވިދާޅުވި އެވެ.