twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ނައިޓް މާކެޓް: ގޭގައި އުފައްދާ ތަކެތި ވިއްކުމަށް ރަނގަޅު ފުރުސަތެއް!

ނަބީލާ އިސްމާޢީލް
Mar 6, 2022

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މި މަހު ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިފައިވާ ނައިޓް މާކެޓަކީ ރާއްޖޭގައި (ގޭގައި) އުފައްދާ ތަކެތި ވިއްކުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

މި މަހު 17 ން 19 އަށް ކުޅުދުއްފުށީ ހިއްކި ބިންސަރަހައްދުގެ ވެލިގަނޑުގައި އޮންނަ ކައުންސިލް ނައިޓް މާކެޓުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ކައުންސިލުން ވަނީ ހަމަޖައްސާފަ އެވެ.

ނައިޓް މާކެޓްގައި ދޫކުރުމަށް ހަމަޖެހިފައިވާ 8 ފޫޓް 10 ފޫޓުގެ ސްޓޯލްތައް ހާއްސަ ކުރެވިފައިވަނީވެސް ރާއްޖޭގައި (ގޭގައި) އުފައްދާ ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށެވެ. އެ ސްޓޯލްތަކުގައި އިމްޕޯޓް މުދާ ވިއްކުމަކީ މަނާ ކަމެއް ކަމުގައި ކައުންސިލުން ވަނީ ނިންމާފަ އެވެ.

8 ފޫޓް 10 ފޫޓުގެ ސްޓޯލްތައް ކުއްޔަށް ނަގާ ފަރާތް ތަކަކީ ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ހުއްދައެއް އޮންނަ ފަރާތަކަށް ކޮންމެހެން ވުން ލާޒިމު ނޫން ކަމަށާއި މާކެޓް އޮންނަ 3 ދުވަހަށް އެ ސްޓޯލްތަކަށް ޖުމްލަ ދައްކަން ޖެހެނީ 200 ރުފިޔާ ކަމަށް ކައުންސިލުން ބުންޏެވެ.

10 ފޫޓް، 16 ފޫޓް ގޮޅިއެއް 3 ދުވަހަށް 400 ރުފިޔާއަށް ކުއްޔަށް ދޫކުރަން ނިންމާފައިވާއިރު މިސައިޒުގެ ގޮޅިތައް ހާއްސަކޮށްފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ތަކަށާއި ކުލަބު ޖަމިއްޔާ ތަކަށް އެކަނި ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ބައިވެރިވާ ފަރާތް ތަކުން 1 ސްޓޯލަށްވުރެން ގިނަ ސްޓޯލް ނަގަން ބޭނުންވެއްޖެ ނަމަ އެ ފަރާތަކުން ބޭނުންވާ އަދަދަށް ސްޓޯލް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ނިންމާފައިވަނީ ކުޅުދުއްފުށީގެ 3 ސްކޫލުގެ ތެރެއިން ކޮންމެ ސްކޫލެއްގެ ޕީޓީއޭއަށް 8 ފޫޓް 10 ފޫޓުގެ ސްޓޯލެއް ހިލޭ ދޫކުރުމަށެވެ.

ކައުންސިލުން އެކުލަވާލައިފައިވާ އާންމު އުސޫލުގައި ބުނީ ސްޓޯލްތަކާއި ދުރު ނޫން ހިސާބަކުން ކަރަންޓް ލިބޭނެ ގޮތް ކައުންސިލުން ހަމަޖައްސައިދޭނެ ކަމަށެވެ. ނަމަވެސް ސްޓޯލާއި ހަމައަށް ކަރަންޓް ފޯރުކުރުމަކީ ސްޓޯލް ނަގާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

އަދި މާކެޓް ކުރިއަށްދާ ސަރައްދުގެ ސެކިއުރިޓީ 24 ގަޑިއިރު ކައުންސިލުން ބަލަހައްޓާނެ ކަމަށެވެ. ނަމަވެސް ބައިވެރިވާ ފަރާތަކުގެ ސްޓޯލް ތަކުގައި ބަހައްޓާ މުދަލުގެ ޒިންމާ ކައުންސިލުން ނުނަގާނެ ކަމަށާއި ސްޓޯލްގެ ސެކިއުރިޓީ ވަކިން ބަލަން ބޭނުންވާނަމަ އެކަން ކުރަން ޖެހޭނީ ސްޓޯލް ކުއްޔަށް ނަގާ ފަރާތުން ކަމަށެވެ.

ސްޓޯލުގައި އުފެދޭ ކުނި ސްޓޯލް ކުއްޔަށް ނަގާ ފަރާތުން ކޮންމެ ރެއަކު އުކާލާ ތަން ސާފު ކުރަންވާނެ ކަމަށާއި މާކެޓް ނިމުމުން 24 ގަޑިއިރު ތެރޭގައި ތަން ހުސްކުރަންވާނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355