ކޮވިޑްގެ ސަބަބުން މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރޭ ދިވެހި ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅު ރައީސް ވިދާޅުވީ އެ ހާލަތުގައިވެސް ސަރުކާރުން މަސައްކަތް ކުރީ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން ތަފާތު ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ކަމަށެވެ.
އެގޮތުން ވަޒީފާ ގެއްލުނު މީހުންނަށާއި މުސާރަ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާއި ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށްދިނުމުގެ އިތުރުން ވަޒީފާތަކުން މީހުން ވަކިނުކުރުމަށް ޝަރުތުކޮށް ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރެވުނުކަން ފާހަގަކުރެއްވި އެވެ.
ކޮވިޑްގެ ސަބަބުން ގައުމުތަކުގެ އިގްތިސާދީ ހަރަކާތްތައް ހުއްޓެމުން ދިޔައިރު މުޅި ދުނިޔޭގެ ނިސްބަތުންވެސް އިގްތިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވުނީ ރާއްޖެއަށްކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑުގެ ނުރައްކާތެރިކަން އަދިވެސް ބަލަމުން އަންނަނީ ވަބާއެއްގެ ގޮތުގައިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ބަލީގެ ހާލަތު ނުރައްކާތެރިވާ ފަދަ އައު ބާވަތެއްގެ ވައިރަހެއް އުފެދިއްޖެނަމަ އެކަމަކަށް ރިއާޔަތްކޮށް ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.