twitterviber whatsapp telegramfacebookyoutube instagram
26th April 2024

1.1 މިލިއަން ރުފިޔާއަށް ހުޅަނގު ފަރާތު ބީޗް ތަރައްގީކުރުމަށް ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Mar 24, 2022
5

ކުޅުދުއްފުށީ ހުޅަނގު ފަރާތު ބީޗް ސަރަހައްދު ތަރައްގީކުރުމަށް 1.1 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި އެވެ. ގިބްސް ލޮޖިސްޓިކްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެތަން ތަރައްގީކުރުމަށް ހަވާލުކުރީ 1،155،584.74 ރުފިޔާއަށެވެ.

97 ދުވަސްތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު މުހައްމަދު އާތިފެވެ. އަދި ގިބްސް ލޮޖިސްޓިކްސްގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު އަލީ އެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ، ފިނިމައިޒާނެއް ގޮތަށް އެ ސަރަހައްދު ތަރައްގީކުރެވިދާއިރު އެތަނުގައި ފާހާނާ އާއި ބީޗްހަޓް، ޝަވަރ، ބެންޗު އަދި އުނދޯނި ހިމެނިފައި ހުންނާނެ ކަމަށެވެ.

މޭޔަރު އާތިފް ވިދާޅުވީ، މިތަނަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަޖައްސާލަން އާއިލާއާއެކު ނުކުމެ މަޑުކޮށްލައިގެން ތިބޭ ތަނެއް ކަމަށާއި މިފަދަ މައިޒާނެއް ތަރައްގީ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދިރިއުޅުމުގެ ހާސްކަން ފިލުވާލަން ނުކުމެ މަޑުކޮށްލާނެ ތަންތަން ރަށުގައި ނެތުމުން ކަމަށެވެ.

މޭޔަރު ވިދާޅުވީ، ކުރިއަށްއޮތްތަނުގައި މިފަދަ އިތުރު ތަންތަންވެސް ތަރައްގީ ކުރެވޭނެ ކަމަށާ އެގޮތުން ބޯ ޒިޔާރަތް ބީޗް ތަރައްގީ ކުރުމަށް އެތަނުގެ ކޮންސެޕްޓް ޑްރޯވިން ހެދުމަށް އެއް ކުރަންޖެހޭ މައުލޫމާތުވެސް މިހާރު ދަނީ ހޯދަމުން ކަމަށެވެ.

ބީޗްގެ އެއްގަމު ސަރަހައްދު ސާރވޭކޮށް ސްކޭލް ޑްރޯވިންވެސް ވަނީ ނިމިފައިކަމަށާއި އަދި ބީޗް ގިރާ މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް ސަރވޭއެއް ކުރުމަށް އެމްޓީސީސީއާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"މުޅި ބީޗްގެ (ބޯ ޒިޔާރާތް)ގެ ކޮންސެޕްޓް ޑްރޯވިން ކޮމިއުނިޓީ މަސައްކަތެއްގޮތަށް ހިލޭ ހަދައިދިނުމަށްވެސް ރައްޔިތުން ތެރެއިން ބަޔަކު މިހާރުވަނީ އެއްބަސްވެފަ. އުންމީދަކީ މާ ދުރުނޫން މުސްތަގުބަލެއްގައި މި މަސައްކަތުގައިވެސް ކުލަޖެހިގެން ދިއުން." މޭޔަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355