އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު މުހިއްމު 2 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އިންޑިއާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު މިއެއްބަސްވުންތަކަކީ ދެ ގައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އަނެއް ގައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމަކާއި، ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ގާއިމްކުރެވުނު އެއްބަސްވުމެވެ.
މިނިސްޓްރީ އޮފް ހެލްތާއި އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފއަރ އާ ދެމެދު ގާއިމްކުރެވުނު ވެކްސިން ސެޓްފިކެޓާއި ގުޅޭ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރުމުގައި މިހާރަށްވުރެ ގިނަ ފަސޭހަތައް ލިބިގެންދާނެކަމަށް ސަރުކާރު ބުނެ އެވެ.
އެގޮތުން މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން ކޮވިޑް ސޭފް ވެބްސައިޓް (www.covidsafe.gov.mv) މެދުވެރިކޮށް ދޫކުރާ ޑިޖިޓަލް ވެކްސިން ސެޓްފިކެޓާއި، އިންޑިއާގެ ކޮވިން ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރާ ސެޓްފިކެޓް އެއްގައުމު އަނެއް ގައުމުން ބަލައިގަންނާނެއެވެ.
ރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި، އިންޑިއާގެ ނޭޝަނަލް އިންފޮރމެޓިކްސް ސެންޓަރ (އެން.އައި.ސީ) އާ ދެމެދު ސޮއިކުރެވުނު ޕިއަރިންގ އެގްރިމެންޓް އަކީ މި ދެ މުއައްސަސާގެ މެދުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ހަޔަރ އެޑިއުކޭޝަން ނެޓްވޯކް އޮފް މޯލްޑިވްސް އާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކްއާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމްކޮށްދެއްވާފައެވެ.
މީގެ އިތުރުން ގުޅުން ބަދަހިކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އިންޑިއާގެ ސަރްދާރް ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވޭނެ އެވެ.