twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރާއްޖެ ތަރައްގީކުރުމުގައި އައްޑޫ ސިޓީގެ ހިއްސާ ބޮޑު: ރައީސް

Mar 28, 2022
1

އެކި ދާއިރާތަކުން މުޅިރާއްޖެ ތަރައްގީކުރުމުގައި އައްޑޫ ސިޓީގެ ހިއްސާބޮޑުކަމާއި އެހެންކަމުން ރާއްޖެ ތަރައްގީވުމުގައި އައްޑޫ ސިޓީ ތަރައްގީވާންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ރޭ ދެއްވި މާހެފުމުގެ ތެރެއިން ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ ހަނދާންތައް އާ ކުރައްވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި ބޭއްވި ކެންޕެއިންގެ އެންމެ ފަހު ޖަލްސާގައި ކައުންސިލުން އެމަނިކުފާނަށް އެރުވި އައްޑޫ ސިޓީ ތަރައްގީކުރާނެ ގޮތުގެ ވައުދު ނާމާއާ އެއްގޮތަށް މިހާރު ސަރުކާރުން އެކަންކަން ފުރިހަމަކުރަމުން އަންނަކަމުގައެވެ.

އެގޮތުން އޭގެ ތެރެއިން މަސައްކަތްތަކެއް މިހާރު ފަށައިގަނެވިފައިވާކަން ފާހަގަކުރައްވައި، މި ސަރުކާރު ވެރިކަމާހަވާލުވިއިރު ފުރަތަމަ އިސްކަންދޭން ޖެހުނީ އޭރު ގިނަ ރަށްތަކެއްގައި ނުލިބި ހުރި އަސާސީ ހިދުމަތްތައް ދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހަމައެހެންމެ އައްޑޫގެ މަތިން އެމަނިކުފާނު ހަނދުމަފުޅު ނައްތަވައިނުލައްވާކަމުގައި ވިދާޅުވެ، ރައީސް ވަނީ އައްޑޫ ސިޓީގައި ފެށިފައިވާ އަދި ފެށުމަށް ތައްޔާރުވެފައިވާ ބޮޑެތި މަޝްރޫއުތަކަށް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއެއް މިހާރު ފެށިފައިވާކަމަށާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާކަމަށާ ލަސްތަކެއްނުވެ އެ މަޝްރޫއު ބިޑުކުރެވި އަމަލީ މަސައްކަތް ފެށޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

ބިންހިއްކުމަކީވެސް އައްޑޫ ތަރައްގީގެ ވައުދު ނާމާގައި ހިމެނޭކަމެއްކަމަށާއި އަދި މިއަދު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މަޝްރޫއު ކުރިއަގެންދާނީ އީއައިއޭ ހަދައި ތިމާވެށްޓަށް ކުރާ އަސަރު އެންމެ ކުޑަވާގޮތްތަކަށްކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

އަދި ބިން އިތުރުކުރެވޭއިރު ސަރުކާރުގެ ވައުދާ އެއްގޮތަށް ފަތުރުވެރިކަމަށް 5 ރަށް ތަރައްގީކުރާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ވަޒީފާގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، ހެރެތެރެ ރިޒޯޓްގެ އެއްބައި މިހާރު ހުޅުވައި ހިދުމަތްދެމުން އަންނަކަމަށާއި ލަސްތަކެއް ނުވެ ޝަންގްރިއްލާ ވެސް އޮޕްރޭޝަނަށް ގެނެވޭނެކަމަށާއި އަދި ދޫގަސް ހުރި އިމާރާތުގައި 120 އެނދުގެ ހޮޓަލެއް ތަރައްގީކުރުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިނުމަށް މިއަދު ނިންމަވާފައިވާކަން ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355