އާބާދީ ބޮޑު ހަ ރަށެއްގައި އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއުއެއް ހިންގުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގަމުން އަންނަ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނުއުވަބަލް އެނާޖީ ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ތިން ސިޓީ ކުޅުދުއްފުއްޓާއި ފުވައްމުލައް އަދި އައްޑޫ ހިމެނޭ ގޮތަށް އެ މަޝްރޫއު ދެން ކުރިއަށް ގެންދާނީ ބ. އޭދަފުއްޓާއި ޅ. ހިންނަވަރު އަދި ގދ. ތިނަދޫގަ އެވެ. އެ ރަށްތަކުގައި ގާއިމުކުރާނީ އަވިން 11 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ނިޒާމެކެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ. މި އެއްބަސްވުމުގައި މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަންއެވެ. އަދި ޖޮއިންޓް ވެންޗަރގައި ހިމެނޭ ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ސޮންގް ކިންގ ގޯ އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް އެއް ކޮންޓްރެކްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމު ގާއިމުކުރާ މަޝްރޫއުއެވެ. މި އެއްބަސްވުމުގެ ދަށުން އުފައްދާ ކަރަންޓް ގަނެވިއްކުމަށް ހަދާ ޕަވާ ޕާރޗޭސިންގ އެގްރީމެންޓްގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރ އަހުމަދު އަޒްލީމެވެ.
އަދި މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަންއެވެ. އަދި ޖޮއިންޓް ވެންޗަރގައި ހިމެނޭ ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ސޮންގް ކިންގ ގޯއެވެ.
މި މަޝްރޫއަށް އެއްބާރުލުންދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު ސޮއިކުރެވުނު ކޯޕަރޭޝަން އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލީ މާޖިދެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަހުމަދު އަޒްލީމެވެ.
އެސްޕަޔަރ މަޝްރޫއުގެ ދަށުން 11 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ގާއިމުކުރުމަށް ހުޅަވާލި ފުރުސަތުގައި 34 ކުންފުންޏަކުން ވަނީ ޕްރީކޮލިފިކޭޝަން ހުށަހަޅާފައެވެ. އަދި ޕްރީކޮލިފިކޭޝަން ސްޓޭޖުން ޝަރުތު ހަމަވި ކުންފުނިތަކުގެ ތެރެއިން ބިޑް ހުށަހެޅީ 4 ކުންފުނިންނެވެ.
އަދި ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ބީލަން ޝަރުތުތަކަށް ފުރިހަމައަށް ފެތޭ ބިޑުތަކުގެ ތެރެއިން ދައުލަތަށް ކަރަންޓް ވިއްކުމަށް އެއްމެ ކުޑަ އެގެއް ހުށަހެޅީ މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޗައިނާގެ ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަންގެ ޖޮއިންޓް ވެންޗަރ އިންކަމަށް މިނިސްޓްރީ ބުނެ އެވެ.
މި އެއްބަސްވުމުގެ ދަށުން އުފައްދާ ކަރަންޓް ވިއްކުމަށް ހުށަހަޅާފައިވަނީ 15 އަހަރުގެ މުއްދަތަށް ޔުނިޓަކަށް 9.888 ޔޫއެސް ސެންޓެވެ. މިއީ މިހާތަނަށް ރާއްޖޭގައި ޕަވަރ ޕާޗޭސިން އެގްރީމެންޓުގެ ދަށުން ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏަށް ސޯލާ ހަކަތައިން އުފައްދާ ކަރަންޓު ގަންނަން ލިބޭ އެންމެ ހެޔޮއަގެވެ. އަދި މިއީ އެވްރެޖްކޮށް ޑީސަލުން ކަރަންޓު އުފައްދާ އަގުގެ %50 އަށް ވުރެކުޑަ އަގެކެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައެވެ. އަދި މަސައްކަތްތައް ނިންމާ ކަރަންޓް ފޯރުކޮށްދޭން ފަށާނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގަކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެކަމަށާއި އޭގެ ސަބަބުން އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ މަދުކުރެވި ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެ ކަމަށެވެ.
ނަމަވެސް މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ލީޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލާނަމަ ދައުލަތުން ތެލަށްކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި މަޝްރޫއުގެ ސަބަބުން އަހަރަކަށް 12،694 މެޓްރިކްޓަނުގެ ވިހަގޭސް މަދުކުރެވޭނެ އެވެ.
އެސްޕަޔަރ މަޝްރޫއޫގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫއިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ޕީވީގެ ނިޒާމާއި ބެޓަރީ އެނަޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ވަނީ އިއުލާނުކޮށްފަ. އެ ސަރަހައްދުތަކުގެ ތެރޭގައި ގއ.ވިލިނގިލި، ށ.ފުނަދޫ، ޅ.ނައިފަރު އަދި ލ.އަތޮޅުގެ ބައެއް ރަށްތައް ހިމެނެ އެވެ.