twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކޭއާރުއެޗުގައި އޯޑިއޮލޮޖީ ސެންޓަރެެއް ގާއިމުކުރަނީ

ޚަދީޖާ އާދަމް
Apr 7, 2022
1

އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް ޕްރޮޖެކްޓްތަކުގެ ދަށުން ރާއްޖޭގައި ކުރިޔަށްގެންދާ އެ މަޝްރޫއުތަކުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލުގައި އޯޑިއޮލޮޖީ ނުވަތަ ކަންފަތަށް އަޑުއިވުމުގެ މައްސަލަތައް ދަނެގަނެ އެކަންކަމަށް ފަރުވާދޭ ސެންޓަރެއް ގާއިމުކުރުމަށް ނިންމައިފި އެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް ޕްރޮޖެކްޓްތަކުގެ ދަށުން އިންޑިއާއިން ރާއްޖޭގެ ހަތް އަތޮޅެއްގައި 27 މިލިއަން ރުފިޔާގެ އާ ހަތް މަޝްރޫއެއް ކުރިޔަށްގެންދިޔުމަށް ނިންމައިފި އެވެ. އެގޮތުން ސިއްހީ ހިދުމަތާއި، ތަރިކަ ދިރުވައި އާލާކުރުމާއި އަދި ޒުވާނުން ކުރިއެރުވުމަށް އަމާޒުކޮށް މަޝްރޫއުތައް ހިންގުމަށްވަނީ ނިންމާފައެވެ.

ކޭއާރުއެޗުގައި އޯޑިއޮލޮޖީ ސެންޓަރެއްގެ އިތުރުން އިތުރުން އައްޑޫގައި ހުންނަ އިކުއެތޯރިއަލް ހޮސްޕިޓަލުގައި މެންޓަލް ހެލްތު ޔުނިޓެއް ގާއިމުކުރުން ވެސް ހިމެނެ އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް ޔުނިޓެއް އެޅުން ވެސް ހިމެނެ އެވެ.

ހަމަ އެއާއެކު ނ. ލަންދޫގައި ހުންނަ މާބުދުގެ އަދި ތ. އަތޮޅު ދިޔަމިގިލީގައި ހުންނަ ގަނޑުވަރު ދާރުލްއާސާރުތަކަށް ހަދައި ހިމާޔަތްކުރާ މަޝްރޫއެއް ހިމެނެ އެވެ. މާބުދުގެއާއި ދިޔަމިގިލީގައި ހުންނަ ގަނޑުވަރަކީ ވެސް ވީރާނާވެ ހަލާކުވުމުގެ ބިރު ހީވެފައިވާ ދެ ތަނެވެ.

އޭގެ އިތުރުން ވެސް ދެން އިންޑިއާއިން ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކަކީ ނ. މަނަދޫގައި މަލްޓި-ސްޕޯޓްސް ކޮމްޕްލެކްސްއަކާއި އދ. ދިގުރަށާއި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރުތަކެއް އަޅައިދިނުމަށް މަޝްރޫއުތަކެވެ.

އެ މަޝްރޫއުތަކަކީ މިފަހުން އިންޑިއާގެ އެކްސްޓާާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ރާއްޖެއަށް ވަޑައިގަތް ދަތުރުފުޅުގައި ކުރިޔަށް ގެންދަން ނިންމި މަޝްރޫއުތަކެކެވެ.

އެއާއެކު އިންޑިއާއިން ރާއްޖޭގައި ކުރިޔަށް ގެންދާ ހައި އިމްޕެކްޓް މަޝްރޫއުތަކުގެ ޖުމްލަ އަދަދު މިވަނީ 27 އަށް އަރައިފަ އެވެ. މިފަހުން ވެސް އިންޑިއާގެ އެހީތެރިކަމާއެކު އައްޑޫގައި ވަނީ "ވިލުނު" ގެ ނަމުގައި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހުޅުވައިފަ އެވެ. އިންޑިއާއިން ރާއްޖޭގައި ކުރިޔަށްގެންދާ ހައި އިމްޕެކްޓް މަޝްރޫއުތަކަށް ޖުމްލަ 155 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355