ވަކިކުޅިވަރެއް ތަފާތުނުކޮށް ރާއްޖޭގައި ހުރިހާ ކުޅިވަރުތަކެއް ކުރިއެރުވުމުގައިވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާ އިއްޔެ މުލިއާގޭގައި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މިބައްދަލުކުރެއްވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެެ.
މި ބައްދަލުކުރެއްވުމުގައި ރޭސިން އެސޯސިއޭޝަނުގެ މެންބަރުން ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުންނާ ދާއިމީ ރޭސިން ޓްރެކެއްގެ ބޭނުންތެރިކަމާއި މިކުޅިވަރު އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ރައީސް އާއި މަޝްވަރާކުރައްވާފަ އެވެ.
މީގެ އިތުރުން މި ކުޅިވަރުގައި ހަރަކާތްތެރިވާ މީހުން ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ސަރަހައްދެއް ބޭނުންވާ ކަމާއި އެފަދަ ސަރަހައްދެއް ހަމަޖައްސައިދިނުމަށްވެސް އެދިފައިވެ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ވަކި ކުޅިވަރެއް ތަފާތު ނުކޮށް ރާއްޖޭގައި ހުރިހާ ކުޅިވަރެއް ކުރިއެރުވުމަށް ވެސް މިސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގައި ވިދާޅުވެފަ އެވެ. އަދި އެސޯސިއޭޝަނުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ އެކަމުގައި ސަރުކާރަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.