ރާއްޖޭގައި އުފެދޭ ހުރިހާ ކުންޏެއް ރައްކާތެރިގޮތުގައި މެނޭޖުކުރުމަށް ހުނަރުވެރި ދިވެހިން އުފައްދަންޖެހޭކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑަރޑް ފޯ "ވޭސްޓު ޓު ވެލްތު" އިފްތިތާހުކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ތިމާވެށީގެ މައްސަލަކަމަށެވެ. އަދި މިއީ އެންމެ ދުވަހަކުން ދިމާވި މައްސަލައެއް ނޫން ކަމަށާއި އެތައް ޒަމާންތަކެއް ވަންދެން ކުންޏާމެދު އަމަލުކުރަމުން އައި ގޮތުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ.
އޭނާ ވިދާޅުވީ، މިއީ ކުނި މެނޭޖްކުރުމުގެ ބަދަލުގައި އެއްވެސް ހަމައެއް ލަމައެއް ނެތި ޖެހުނު ތަނަކަށް ކުނި އުކާލުން ނުވަތަ ކުނި އެންދުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށެވެ.
ރާއްޖޭގައި އުފެދޭ ހުރިހާ ކުންޏެއް ރައްކާތެރިގޮތުގައި މެނޭޖްކުރުމަށް ހުނަރުވެރި ދިވެހިން އުފައްދަން ޖެހޭ ކަމަށާއި އެގޮތުން ކޮންމެ ރަށެއްގައި، ކޮންމެ ކައުންސިލެއްގައިވެސް މިކަން ކުރާނެ ގޮތުގެ މައުލޫމާތާ މިކަން ކުރާނެ ގޮތުގެ ވޯކް ފޯސްއެއް އުފެދެން ޖެހޭ ކަމަށް ޝައުނާ ވިދާޅުވި އެވެ.
"އެހެން ނޫންކަމުގަ ވާނަމަ އަޅުގަނޑުމެންނަކަށް މުސްތަގުބަލުގައި ރާއްޖެއަކީ ރީތި މަންޒިލެއްގެ ގޮތުގައި ދައްކުވައެއް ނުދެވޭނެ. އަދި މުސްތަގުބަލުގައި ދިވެހީން ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ވެސް ހޯދައެއް ނުދެވޭނެ." ޝައުނާ ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވީ ކުނީގެ މައްސަލަ ހައްލުވާނީ ހަމައެކަނި މެޝިންތަކެއް ގާއިމުކުރެވިގެން ނޫންކަމަށާ އެއީ ގޭބީސީއާ ހިސާބުން ފެށޭ ކަމެއްކަމަށެވެ. އެގޮތުން މިކަން ހައްލުކުރުމަށްޓަކައި ވެމްކޯއާ ސަރުކާރުގެ އިދާރާތަކުން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ.
"ވޭސްޓް ޓު ވެލްތު" ޓްރެއިނިންގ ދަށުން ތަފާތު ބާވަތުގެ ކުނި ވަކިކޮށް އޭގެ ތެރެއިން އަލުން ބޭނުން ކުރެވޭ ތަކެތި ރީ-ސައިކަލްކޮށް އާމްދަނީ ހޯދުމަށް މަގުފަހިވެގެންދެ އެވެ.
މި ރަސްމިއްޔާތުގައި "ވޭސްޓް ޓު ވެލްތު" ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއާއި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ އަހްމަދު ނަޝީދެވެ.