ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް ޓަކައި، މަސައްކަތްތެރީންގެ ހައްގުތައް ހިމާޔަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެމަނިކުފާނު ފޮނުއްވި ހިތޯބުގައެވެ.
ރައީސް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ހޯދައިދޭން ކުރަން ޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށާއި އޭގެތެރެއިން އެންމެ މުހިންމު ކަމަކީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް އެ މީހަކު ކުރާ މަސައްކަތުގެ ހައްގު މިންވަރު ލިބިދެވޭކަން ކަށަވަރުކުރުން ކަމަށެވެ.
އެ މަނިކުފާނުގެ ހިތާބުގައި މި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށާއި މަސައްކަތްތެރިންނާއި އެ ފަރާތްތަކުގެ އާއިލާތަކާއި، މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވިއެވެ.
ރައީސްގެ ހިތޯބުގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ގައުމުގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވެވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން އަދިވެސް މުޖުމަތައުގައި އެބަހުރި ކަމަށެވެ. އެ ގޮތުން ކޮންމެ މަސައްކަތްތެރިއަކަށް އެމީހަކު އެ ކުރާ މަސައްކަތުގެ ހައްގު މިންވަރު ލިބިދެވޭކަން ކަށަވަރުކުރުމާއި މަސައްކަތް ކުރުވުމަށް ފަހުގައި އުޖޫރަ ނުދީ ލަސްކުރުމާއި، ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި، ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް ފާހަގަކުރެއްވި އެވެ.
"މި ކަންކަމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާ ވެސް ޚިލާފު ކަންތައްތައް،" ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކަށްވެސް ހިއްސާކުރެއްވެވި އެވެ. އެގޮތުން ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް މިދިޔަ އަހަރުތަކުގެ ތެރޭގައި މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ގާނޫނީ ގޮތުން ލާޒިމްކޮށް ތަންފީޒުކުރަން ފަށާފައިވާކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ދޭ ހިދުމަތްތަކުން، މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުން ގާނޫނީ އޮނިގަނޑުގެ ތެރެއިން ލާޒިމްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.
މީގެ އިތުރުން ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ތަފާތު ދާއިރާތަކުން ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންކަމާއި މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ، ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެ ކަމުގައިވެސް ރައީސް ވިދާޅވި އެވެ.