twitterviber whatsapp telegramfacebookyoutube instagram
28th March 2024

ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ނަބީލާ އިސްމާޢީލް
May 1, 2022

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކޮށްފައިވާކަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާނުކުރައްވާފައިވަނީ މިއަދު ގައުމާއި މުހާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ހިތާބުގައި ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެކަމަށް ވިދާޅުވި ވިދާޅުވުމާއި އެއްގޮތަށް މިމަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުވާނޭކަން އިއުލާންކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑު ސަމާލުކަމެއް ދެނީ ވިސްނުން ތޫނު، އިލްމީ، ހެޔޮ ލަފާ ޖީލެއް ބިނާ ކުރުމަށް ކަމަށެވެ. މި ކަމުގައި ޓީޗަރުންނާއި އެ ދާއިރާގެ އެންމެހާ މުވައްޒަފުންގެ އަގު ސަރުކާރުން ވަޒަން ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މާތް ﷲގެ ވާގިފުޅާއެކު އެ ވަޢުދު މިއަދު ފުރިހަމަވެގެން މިދިޔައީ. މިއަދު ފެށުނު މެއި މަހާއެކު، މާތް ﷲގެ ވާގިފުޅުން، ޓީޗަރުންގެ މުސާރައަށް އެމުހިންމު ބަދަލު އަންނާނެކަން އިޢުލާން ކުރުމަކީ، މިއުފާވެރި ފިޠުރު ޢީދާއި، މިއަދު މިފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑަށް ލިބޭ އިތުރު އުފަލެއް" ރައީސް ވިދާޅުވިއެވެ.

ކޮންމެ ގައުމެއްގައި ވެސް ދައުލަތުގެ ކެރި ފޯރުންތެރިކަން ބިނާ ވެފައި އޮންނަނީ އެ ގައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާ ކުރެވޭ ހަރުދަމާ ކަމުގެ މައްޗަށް ކަމަށާއި ރާއްޖޭގައި އިންސާނީ ވަސީލަތްތައް ބިނާ ކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުލާ ބަޔަކީ ޓީޗަރުން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ ބުރަ ޒިންމާއެއް އަދާ ކުރާ ބަޔަކީ ޓީޗަރުން ކަމަށްވީ ނަމަވެސް ޓީޗަރުންނަށް މިއަދާ ހަމައަށް ވެސް ލިބެނީ އެކަށީގެންވާ އުޖޫރައަށް ވުރެ ކުޑަ އުޖޫރައެއް ކަމަށެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށް ވީހިނދު އެ މީހުންނަށް އެކަށީގެންދާ އުޖޫރައެއް ދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355