twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޓީޗަރުންގެ މުސާރަ ބޮޑުވުން، ގައުމު ބިނާކުރުމުގެ އާ ބާބެއް ފެށިގެންދާނެ: ރައީސް

އަބްދުލް ވާހިދު ޙަސަން
May 1, 2022

ޓީޗަރުންގެ މުސާރަ ބޮޑުވުމުން ގައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދާ އެއްގޮތަށް ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރައްވާނެ ކަން ރައީސް އިއުލާނުކުރެއްވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާނުގައި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ތައުލީމަށް ބޮޑު ސަމާލުކަމެއް ދެނީ ވިސްނުން ތޫނު އިލްމީ އުފެއްދުންތެރި ހެޔޮލަފާ ޖީލެއް ބިނާކުރުމަށްކަމަށެވެ. އަދި މިކަމުގައި ޓީޗަރުންނާއި ޓީޗަރުންގެ މަސައްކަތުގައި އެހީތެރިވެދެއްވާ އެންމެހައި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ސަރުކާރުން ފާހަގަކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު ފެށުނު މެއި މަހާއެކު، މާތް ﷲގެ ވާގިފުޅުން، ޓީޗަރުންގެ މުސާރައަށް އެމުހިންމު ބަދަލު އަންނާނެކަން އިޢުލާން ކުރުމަކީ، މިއުފާވެރި ފިތުރު އީދާއި، މިއަދު މިފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑަށް ލިބޭ އިތުރު އުފަލެއް." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮންމެ ގައުމެއްގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ، އެގައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާކަމެއްގެ މައްޗަށް ކަމަށެވެ.

ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަމަށް ވިޔަސް އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިބީ، މަސައްކަތަށް ހައްގުވާ މިންވަރަށްވުރެ މާދަށް އުޖޫރައެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބަދަލާއެކީ ޓީޗަރުންގެ މުސާރަތައް 56 ޕަސެންޓު ބޮޑުވާނެ އެވެ. އަދި ގްރެޖުއޭޓް ލެވެލްގެ ސެކަންޑްރީ ޓީޗަރަކަށް އިތުރުގަޑިއާ ނުލައި ހަމަ އެކަނި މުސާރައަށް 19،740ރ. ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355