- މި މަހުގެ 10 އާ ހަމައަށް ހިލޭ ދަތުރުކުރެވޭނެ
- ހދ އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓްގެ ދަތުރުތައް ހިމެނޭ
ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅުވާލުމަށް ފަރުމާކޮށްފައިވާ " އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް"ގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދަތުރުތައް މިއަދު ފެށީ ޒޯން 1 ގެ އަތޮޅުތަކުގެ ތެރެއިން ހދ އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން އެމްޓީސީސީން ބުނީ މިއަދު މެންދުރުފަހުން ފެށިގެން ހދ އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓްގެ ދަތުރުތައް ފެށިގެންދާނެ ކަމަށެވެ.
ޒޯން 1 ގައި ހިމެނޭ އުތުރުގެ އެންމެ ތިން އަތޮޅުގެ ތެރެއިން ހދ އަތޮޅުގެ ދަތުރުތައް މިއަދު ފެށިއިރު އެކަމަށް ހާއްސަކޮށްފައިވާ 4 ސްޕީޑް ފެރީ އެވެ. އެއީ 50 މީހުންގެ ޖާގައިގެން ފެރީތަކެކެވެ.
އެމްޓީސީސީން ބުނީ މިއީ އާ ހިދުމަތަކަށް ވުމުން ރައްޔިތުން މިކަމަށް އަހުލުވެރިވުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރުންނާ އެ ކުންފުނިންވެސް ދެކޭކަމަށެވެ. އަދި އީދާ ބަންދަށް ދަތުރުތައް ފެށީގެންދިޔުމާއެކު ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހދ އަތޮޅުގައި ކުރެވޭ ދަތުރުތައް މުޅިން ހިލޭ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް މި ދުވަސްވަރު ހިލޭ ހިދުމަތް ފޯރުކޮށްދޭނީ ހަމައެކަނި ހދ. އަތޮލުގެ ރަށު ކައުންސިލުތައް މެދުވެރިކޮށްކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މި މަހުގެ 11 އިން ފެށިގެން ފެރީ ހިދުމަތަށް ކަނޑައަޅާފައިވާ ރޭޓުން ފައިސާ ނަގަން ފަށާނެ ކަމަށާއި ފައިސާ ނަގަން ފެށުމާއެކު ކައުންސިލު މެދުވެރިކޮށް ޖާގަ ހޯދުން ހުއްޓާލާނެކަމަށް އެމްޓީސީސީން ބުންޏެވެ.
އެޔަށް ފަހު ޓިކެޓު ނަގަން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ މޯބައިލް އެޕްލިކޭޝަނެވެ. އެގޮތުން mv.rtl.app://https ނުވަތަ https://rtl.mv މެދުވެރިކޮށް ޓިކެޓު ނެގޭނެ އެވެ. އެމްޓީސީސީން ބުނީ އެ އެޕްލިކޭޝަން އަދި ވެބްސައިޓަށް އަހުލުވެރިވުމުން އެ ހިދުމަތް ހޯދަން ފަސޭހަވެގެންދާނެ ކަމަށެވެ.
ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ފެރީތައް ފަރުމާކޮށްފައިވާ ދަތުރުވެރިންނަށް ހިތްފަސޭހަވާނެ ގޮތަށެވެ. އެއާކޯން ކުރެވި އަދި ފެރީތަކުގެ ސީޓުތަކާ ފަސިންޖަރުންގެ ކެބިން ފަރުމާކޮށްފައި ހުންނާނީ ދަތުރުތަކަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށެވެ.
އެމްޓީސީސީން ބުނީ ފެރީތަކުގެ ކޮންމެ ސީޓެއްގައި ފޯނު ޗާޖު ކުރުމަށް އޫއެސްބީ އައުޓްލެޓް ހަރުކޮށްފައި ހުންނައިރު، ފާހާނާއާއި ލަގެޖް ބަހައްޓާ ޖާގަ ހާއްސަކޮށްފައި ހުރެ އެވެ. އަދި އެއް ލަގެޖުގެ އިތުރުން ކެރީއޮން ލަގެެޖެއްވެސް ގެންދެވޭނެ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.