އުތުރުގެ ތަރައްގީ ހިންގާލުމަށް ތަރައްގީކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އެއްފަހަރާ 500 ވަރަކަށް ޕަސެންޖަރުންނަށް ހިދުމަތް ދެވޭވަރަށް ބޮޑުކޮށް އިންޑިއާ އަދި ސްރީލަންކާ ދަތުރުކުރެވޭނެ ގޮތް ހަދާދިނުމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަމީން މުހައްމަދު ގޮވާލައްވައިފި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ އަމީން މިހެންވިދާޅުވީ އޭނާ ނެރުއްވި ބަޔާނެއްގަ އެވެ. ބަޔާނުގައި ވިދާޅުވީ އުތުރުގެ ތަރައްގީ އާއި ހަނިމާދޫ އިންޓަނޭޝަންލް އެއާޕޯޓް އޮޕަރޭޝަން އޮތީ ގުޅިފައި ކަމަށާއި މި ސަރުކާރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި އެ އެއާޕޯޓް ތަރައްގީކުރުމަށް ކުރާ މަސައްކަތައް ޝުކުރުވެރިވާކަމަށެވެ.
އަމީންގެ ބަޔާނުގައި ވިދާޅުވީ މި ސަރަހައްދުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހެދުމުގެ އިދާރީ މާލީ އަދި ޕްރޮޖެކްޓް މަސައްކަތަކީ އަދި އެތައްދުވަހެއްވާނެ މަޝްރޫއުއެއް ކަމަށެވެ. އެހެންކަމުން ތިލަދުންމަތީގެ އިގްތިސާދީ ތަރައްގީއަށް ސަރުކާރުން ޓާމިނަލް 500 ވަރަކަށް ޕަސެންޖަރުންނަށް ހިދުމަތްދެވޭނެ ވަރަށް ބޮޑުކޮށްދީ އެއާޕޯޓަށް ބޭނުންވާ ފެސިލިޓީތައް ބަހައްޓައިދިނުން ކަމަށެވެ.
އަދި މަތިންދާ ބޯޓަށް ބޭނުންވާ ފިއުލް ލިބެން ހުންނާނެ ގޮތް ހަމަޖައްސައިދީ އިންޑިއާގެ 72 ޕަސެންޖަރުގެ ސްޕައިސްޖެޓް ފްލައިޓްތަކާއި ރާއްޖޭގެ އެވަރުގެ ފްލައިޓްތައް އިންޑިއާ ސްރީލަންކާއަށް ހަނިމާދޫ އެއާޕޯޓުން ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށްވެސް އެބަޔާނުގައި ވަނީ އެދެފަ އެވެ.
މި ސަރަހައްދަކީ ރިސޯޓެއްނެތް ސަރަހައްދެއް ނަމަވެސް ގެސްޓުހައުސް ޓުއަރިޒަމް އައުމަކީ މި އަތޮޅާއި ތިލަދުންމަތީ އުތުރުގެ ރައްޔިތުންނާއި ދައުލަތަށް ތަނަވަސްކަން އިތުރުކުރެވިދާނެ ސިނާއަތެއް ކަމަށައި ބޭންކުތަކުން އެ ސިނާއަތް ތަރައްގީކުރަން ލޯނު އެހީ ލިބޭނެ އިންތިޒާމް ދައުލަތުން ކޮށްދިނުމަކީ ރައްޔިތުންނަށާއި ދައުލަތަށް މަންފާކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.